ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާތަކަށް ވަޑައިނުގެންނެވުމުން އާންމު ރައްޔިތުންގެ ވޯޓު އިތުރުވާނެކަމަށް ދެކިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު 9:00 އަށް ތާވަލްކޮށްފައިވާ ޖަލްސާ ފެށުމަށް 5 ފަހަރެއްގެ މަތިން ރައީސް ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ތަޅުމަށް ވަޑައިނުގެން މަޖިލިސް ކުރާ ގޭގޭ، ގޯތިތެރޭގައި ތިއްބެވުމުން ކޯރަމް ހަމަނުވެ މަޖިލިސް ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފަ އެވެ.
މިއަދު މެންދުރުފަހު 1:00 ގައި މަޖިލިސް ފެށޭތޯ މަސައްކަތް ކުރުމަށްފަހު ކޯރަމް ހަމަނުވުމުން ރައީސް ނަޝީދު އެމްޑީޕީ މެމްބަރުންނަށް ރައްދު ދެއްވީ ޖެއްސުމުގެ ރާގަކަށެވެ. އެގޮތުން ސިޔާސީ ޕާޓީއެއް ހިންގާނެ ގޮތުގެ ލަފާ އެރުވޭ ވަރަށް ރައީސް ނަޝީދުގެ ތަޖުރިބާ ނުހުންނަވައިފާނެ ކަމަށާއި އެހެންނަމަވެސް ޖަލްސާތަކަށް ވަޑައިނުގެންނެވުމުން އާންމު ރައްޔިތުންގެ ވޯޓު އިތުރުވާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވި އެވެ.
”ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ ތާއީދު، ރައްޔިތުންގެ ލޯބި ލިބިގެންދާނީ ރައްޔިތުންގެ ވަކާލާތުގައި ބައިވެރިވެވަޑައިގަތީމަ. ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަން، ރައްޔިތުންނަށްޓަކާ ކުރާ ވެރިކަން، އެވެރިކަން ޖަވާބުދާރީ ކުރުވުމަށް ގާނޫނު އަސާސީން ލާޒިމްކޮށްފައި އޮތީ މި މަޖިލީހަށް“ ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ރައްޔިތުންގެ ކަންކަމުގައި ވަކާލާތުކުރަން ވަޑައިނުގަންނަވާނަމަ ރައްޔިތުންގެ ވޯޓު އިތުރުނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާއަށް އެމްޑީޕީ މެމްބަރުން ވަޑައިނުގެންނެވީ އިދިކޮޅު ޕީއެންސީގެ ފަރާތުން ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ބޭރު ގައުމަކަށް ދިވެހި ސަރުކާރުން ވިއްކައިލި މައްސަލައިގައި ގަރާރެއް ހުށަހެޅި، އެގަރާރު އެޖެންޑާކޮށްފައި އޮތުމުންނެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެމައްސަލަ އެޖެންޑާ ކުރީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ކަމަށެވެ.