ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކު ޕީޕިީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމައިފިއެވެ.
ނިހާން މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމާފައި ވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޤާސިމް އިބްރާހިމް އަށް ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހި އިންތިޚާބުގެ ދެވަނަ ބުރުން ފުރުސަތު ގެއްލިފައެވެ. އަދި ޤާސިމް ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކާއި ކޯލިޝަން ނުހެދުމަށް ނިންމާފައެވެ.
ނަމަވެސް ޤާސިމް އިއްޔެ ވަނީ ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކޮށް ވޯޓު ދެވޭނެ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކުރައްވާފައެވެ.
އެގޮތުން ޤާސިމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖު ޕޯސްޓުކޮށް ނިހާން ވިދާޅުވީ ނިހާން އާއި އާއިލާގެ ވޯޓު ދެއްވާނީ ޑރ. މުއިއްޒު އަށް ކަމަށެވެ.
ޑީއާރްޕީން ސިޔާސީ ހަޔާތް ފެއްޓެވި ނިހާން ފަހުން ޕީޕީއެމް އާއި ގުޅިވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކޮށް ދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާއިރު ފަހުން އޭނާ ވަނީ ޕީޕީއެމް އިން ވެސް ވަކިވެ ވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީ އާއި އެކު އޭނާ ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހު ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ.