ސައުވީސްވަނަ ބައި
”ޙަބަރުދާރު!! ހުއްދަ ނެތި ދެން އަހަރެން ގައިގަ އަތްލައިފިއްޔާ ތީ ޝިގާގެ ބޭބެކަން އަދި ސްކޫލްގެ ޕްރިންސިޕަލްކަން ހަނދާން ނައްތާލާނަން.. “ އާސިމްއާ ދިމާލަށް އިނގިލިދިއްކޮށްގެން ހުރެ ރައިޒެލް ބުންޏެވެ. މަޑުނުކޮށް ރައިޒެލް ހިނގައިގަތީ ފާހާނަބަރިއާ ދިމާލަށެވެ. އާސިމް ރުޅިއައިސްފައި ބަލައިލީ މިފްޒާލަށެވެ. އެހިނދު މިފްޒާލްގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އެމަންޒަރުވީ އަލިފާނަށް ތެޔޮ އެޅުނު ފަދަ މަންޒަރަކަށެވެ. އާސިމް މިފްޒާލާ ދިމާލަށް ފިޔަވަޅެއް އަޅާލުމާއެކު އިޔާދު ގަދަކަމުން މިފްޒާލް ގޮވައިގެން ދުރަށް ގެންދަން ފެށިއެވެ. އެހިސާބުން އާސިމްވެސް ހުއްޓުނެވެ. ވަށައިގެން ތިބި މީހުންނަށް ނަޒަރު ހިންގައިލެވުނެވެ. ދަތްކުޑިވިކެމުން ދިޔަ ހާލުވެސް އޭނާއަށް މަޖުބޫރުވީ މަޑުން ހުރުމަށެވެ. އެމީހުންގެ ކުރިމަތީގައި އޭނާއަކީ ގަދަރުވެރި އިންސާނެކެވެ. އެއްވެސް ކަމެއްގެ ސަބަބުން އެޤަދަރު ކުޑަވާކަށް އޭނާއެއް ނޭދެއެވެ.
އާސިމްގެ ހިތް ރޯވެ އަނދަމުން ދިޔައީ ހިކި ފަތްކޮޅެއްހާ އަވަހަށެވެ. އިރުކޮޅެއް ކުރިން މިފްޒާލްގެ ރައިޒެލްގެ އަތުގައި ހިފައިގެން ހުއްޓާ އޭނާ ދުއްޓެވެ. އެވަގުތު ރައިޒެލްގެ މޫނުމަތިން އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނެތެވެ. ދެން ފެނުނީ އޭނާ ގޮސް މިފްޒާލް ކައިރީ އިށީންތަނެވެ. ނަމަވެސް އާސިމް ރައިޒެލްގެ އަތުގައި ހިފުމުން ރައިޒެލްގެ ކައިރިއަށް އައީ އަލިފާން ކަހަލަ ރުޅިއެވެ. މިފްޒާލްގެ ކިބައިގާ ހުރީ އާސިމްގެ ކިބައިގައި ނެތް ކޮން ސިފައެއް ހެއްޔޭ އާސިމްގެ ހިތަށް އެރިއެވެ. ހަޤީޤަތަކީ ކޮބައިކަން އޭނާއަށް ވަރަށް ސާފުކޮށް އެނގިއްޖެއެވެ. ނަމަވެސް އެކަން ބަލައިގަންނަން އުނދަގޫވަނީއެވެ. ނޫނީ އެކަން ބަލައިގަންނަން ބޭނުންނުވަނީއެވެ. ކޮންމެ ގޮތެއް ވިޔަސް މިފްޒާލަށްޓަކައި އެހިތުގައި އުފެދިފައިވާ ނަފްރަތުގެ ހުޅުކޮޅު ކުޑަވާގޮތެއް ނުވިއެވެ. ރައިޒެލް ކަންތައްކުރި ގޮތް ހަނދާންވާ ކޮންމެ ފަހަރަކު އެހުޅުކޮޅު ފަހަރަކަށްވުރެ ފަހަރެއް ބޮޑުވަމުން ދިޔައެވެ.
**********
ބޮޑުގަހެއްގެ ހިޔަލުގައި ބަހައްޓާފައިވާ ޖޯލިފައްޗެއްގައި އިޔާދުއާއި މިފްޒާލް ތިއްބެވެ. އެމީހުން އެތިބީ ރަށުގެ އަނެއްފަރާތުގައެވެ. އެހިސާބުގައި އެއްވެސް އިތުރު މީހެއްގެ ހިލަމެއް ނެތެވެ. އިޔާދު ގަދަކަމުން މިފްޒާލް ގޮވައިގެން އެތަނަށް އައީ މަސްލަހަތަށްޓަކައެވެ.
”އަހަރެން ހިތަށް އަރާ މިރަށައް އާދެވުނު މޮޔައޭ… “ އިޔާދު ބުންޏެވެ.
”އެއީ؟؟ އަހަރެންނަކަށް ނޭނގެ އިޔާ ބިރުން ތިއުޅެނީ ކޮންކަމަކާ ކަމެއް.. އެއާސިމް ދެކެ އަހަރެން ކުޑަވެސް ޖެހިލުމެއްނުވޭ.. “ މިފްޒާލް ބުންޏެވެ.
”އެހެންވެގެންނޭ ބިރުގަންނަނީ.. މިފޫ ޖެހިލުން ނުވާތީ.. އަދިވެސް ވަގުތު އެބައޮތް ހިނގާ ދާން މިރަށުން.. “ ޖޯލީގައި އޮށޯވެގެން އޮވެފައި އިޔާދު ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ.
”އޭރުން އަހަރެން ވާނީ ބޮޑު ފިނޑިއަކަށްނު.. އިޔާއަށް ވެސް މިހާރު އެނގޭނެ ރައިޒެލް ބޭނުންވާ ގޮތް.. މިދަތުރު އަހަރެން ނިންމާލަން ބޭނުންވަނީ ރައިޒެލްގެ ދުލުން އަހަރެންދެކެ ލޯބިވެޔޭ ބުނާ އަޑުއަހާފައި.. އެކަންވާނެކަންވެސް އަހަރެންނަށް ޔަގީން.. އާސިމްގެ ސަބަބުން އެކަމަށް ހުރަސްއެޅުކަ ނުދޭނަން..“ މިފްޒާލް ޖޯލިން ތެދުވިއެވެ. އެހެންމީހުން ތިބި ދިމާލަށް ދަނީ ކަމަށް ބުނެ އޭނާ ހިނގައިގަތެވެ.
”އޯކޭ އެކަމަކު ޔޫ ނީޑް ޓު ސޭ އަވޭ ފްރޮމް ދެޓް އާސިމް.. ކަމެއްވެއްޖިއްޔާ އެހިސާބުން އަހަރެން ދާނީ އެނބުރި ރަށައް.. “ މިފްޒާލްގެ ފަހަތުން ދަމުން އިޔާދު ބުންޏެވެ.
”އޯކޭ ފައިން.. “ ހިނިގަނޑެއް ޖަހާލުމަށްފަހު މިފްޒާލް ބުންޏެވެ.
*********
ރާޅު ޖަހާ ފަށުގައި އިށީނދެލައިގެން ރައިޒެލް އިނެވެ. ކަކޫ މަތީގައި ބޯއަޅާލައިގެން ވެލިގަނޑާ ކުޅެން އިންއިރު އޭނާ އިނީ ތުންފިތާލައިގެންނެވެ. އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކުން އޭނާ އެއިންނަނީ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ. ގުދުރަތީ މަންޒަރުތަކުން ފުރިފައިވާ މިފަދަށް ރަށަކަށް އާދެވުމުން ހިތަށް ހަމަޖެހުން ލިބޭނެ ކަމުގައި އޭނާއަށް ހީކުރެވުނެވެ. ނަމަވެސް މިތަނަށް އައިސްގެން އޭނާއަށް ލިބުނީ އިތުރު ނުތަނަވަސް ކަމެވެ.
އޭނާ ބޮޑަށް ރުޅި އާދެވެމުން ދިޔައީ އާސިމް ދެކެއެވެ. އާސިމް އުޅޭ ގޮތުން އޭނާއަކީ އާސިމްގެ އަންހެނުން ކަހަލައެވެ. އެގޮތަށް އަމުރުކޮށް ބާރުފޯރުވާ މީހުންދެކެ ރައިޒެލް އިންތިހާއަށް ނަފްރަތު ކުރެއެވެ.
މިފްޒާލްވެސް ކަންތައްކުރީ ރަނގަޅަކަށް ނޫނެވެ. އެހެނަސް މިފްޒާލް ދެކެ ރުޅި އަންނަން އުޅެއުޅެވެސް އެކަން ވާން ގޮތެއް ނުވިއެވެ. ބޭނުންނުވިޔަސް އޭނާއަށް މިފްޒާލް ދެކެ ލޯބިވެވިއްޖެކަން މިހާރު އޭނާއަށް ޔަގީންކުރެވެނީ އެފަދަ ސަބަބުތަކާ ހުރެއެވެ. މިފްޒާލް ކައިރީގައި ހުންނައިރު އޭނާއަށް ރައްކާތެރިކަން އިހުސާސް ކުރެވެއެވެ. މިފްޒާލްގެ ކޮންމެ ބީހުމަކަށް އޭނާއަށް މަރުހަބާ ކިޔެނީ އެއްވެސް އިޙުތިޔާރެއްނެތިއެވެ. އެބީހުންތަކުން އޭނާގެ ހިތަށް އުފާ ލިއްބައިދެއެވެ. އޭނާއަށް މިފްޒާލާ ދޭތެރޭ ފިކުރު ކުރެވެއެވެ. މިފްޒާލާ އެކުގައިވުމަށް ހިތްއެދި ގޮވައެވެ. މިފަދަ އިހުސާސްތަށް އޭނާ ދޮގުކުރަން ބޭނުންވި ނަމަވެސް ހަޤީޤަތް ވަރަށް ސާފެވެ. މިފްޒާލްދެކެ ލޯބިވެވިއްޖެއެވެ.
ރައިޒެލް އެތަނުގައި އިންދާ ޝިގާ އައިސް އޭނާ ކައިރީގައި އިށީނެވެ. ހިންދެމިލަމުން ރައިޒެލް ޝިގާއަށް ބަލާލިއެވެ. ޝިގާގެ މޫނުމަތިން ފެންނަމުން ދިޔަ މޮޅިވެރިކަން ފެނި ކިހިނެއްވީތޯ ރައިޒެލް ސުވާލުކުރިއެވެ.
”ކަމެއްނުވޭ… ހިތަށް އަރާ މިރަށައް ނާދެވުނުނަމައޭ… “ ޝިގާ އެހެން ބުނަމުން ވެލިގަނޑު މަތީގައި އުއްޑުން އޮށޯތެވެ.
”އަހަރެންވެސް………….. “ ރައިޒެލްވެސް އޮށޯވެލާ ބަނޑުމަތީގައި އަތް ބާއްވައިލިއެވެ.
”ރައި ކީއްވެ އެހެން ހިތަށް އަރަނީ..؟ މިރަށް ކަމުނުދަނީތަ؟ “ ޝިގާ އެހިއެވެ.
”ރަށް ކަމުދިޔަސް މިރަށައް އައި ބައެއް މީހުން ކަމުމުދަނީ… ޝިގް ކީއްވެ އެހެން ތިބުނީ؟ “ ރައިޒެލް އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވާތީ ސުވާލު ޝިގާއާ ދިމާލަށް އަނބުރާލިއެވެ.
”އިޔާ ހީވަނީ އަހަރެންނަށް ޖެއްސުމަށް އުޅޭހެން.. މިހާރުވެސް ބަލާލަބަލަ މިދިމާ ތަންކޮޅެއް އެކޮޅު.. މޫދު ތެރެ.. “ ޝިގާ އެހެން ބުނުމަށް ރައިޒެލް އޭނާގެ އަނެއްފަރާތަށް އެނބުރި ބަލައިލިއެވެ. ކެނޫއެއްގެ އެއްފަރާތުގައި އިޔާދު އިން އިރު އަނެއް ފަރާތުގައި މުނާ އިނެވެ. އެމީހުން ބަލަން ތިއްބާ ފަލިޖަހަން އިން އިޔާދު ކައިރިއަށް ޖެހިލާ މުނާ އޭނާގެ ފޯނުން ސެލްފީއެއް ނަގައިފިއެވެ. ޝިގާއަށް ދަތްކުޑިވިކައިލެވުނު ހިނދު ރައިޒެލްއަށް ހެވުނެވެ.
”އެދެމީހުން ކޮން ގުޅުމެއް؟؟ އަހަރެން ހީކުރީ މުނާ މެރިޑް ކަމަށް… “ ޝިގާއާ ދިމާލަށް އެނބުރެމުން ރައިޒެލް ބުންޏެވެ.
”ކޮންތާކު.. ބަޑިކަމުން މީހަކާ އިނދެގެން ދެދުވަހު ނޫޅެވޭ އަންހެނެއް އެއީ.. އެންމެ ފަހުންވެސް އިން މީހާ އޭނަ ވަރިކުރީ އެހެން ފިރިހެނަކާ ގުޅުން އޮންނަކަން އެނގިގެން.. ސްކޫލް ދައުރުގަ އެއަންހެނާ އުޅުނީ އިޔާއާ ހެދި މޮޔަވަގެން.. އޭރު އިޔާވެސް ވަރަށް ފޫހިވާނެ އޭނަ ދެކެ.. އެކަމަކު ބަލާބަލަ މިހާރު.. ހީވަނީ އުމުރު ދުވަހުގެ ބައިވެރިޔާހެން.. އަހަރެންނަށް އެނގޭ އިޔާ އަހަރެންނަށް ދައްކަންވެގެން އެހެން އެއުޅެނީ… “ ޝިގާގެ އަޑުގައި ފޫހިކަމެއްވިއެވެ.
”ދައްކަންވެގެން އުޅުނަސް ޝިގްއަށް އުނދަގޫވެޔެއްނު އެބަ.. އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބާ ޝިގް!! އަހަރެން ނޭދޭނަން ޝިގްއަށް ދެރަގޮތެއްވާކަށް.. އިޔާދު އެއީ ޝިގްއާ އެންމެ އެކަށީގެންވާ މީހާއޭ އަހަރެންގެ ހިތް ބުނަނީ.. އޭނައަށް ޝިގްއަށް ދައްކަންވެގެންވެސް އެހެން އުޅޭނީ ޝިގްގެ ލޯތްބާއި އެކުވެރިކަން ބޭނުންވާތީ.. އެކަމުންވެސް އެނގެނީ އޭނަ ޝިގްއަށް އެދޭވަރު.. އަޅެ ވިސްނާލަބަލަ ޝިގް.. ދެނެގަންނަން މަސައްކަތް ކޮށްބަލަ.. ތިހިތުގަވެސް އެފަދަ ޝުއޫރުތަކެއް ހިނގާކަން ގައިމުވެސް އަހަރެންނަށް އެނގޭ.. ދެން ކީއްވެ އެކަން ޝިގްއަށް އިހުސާސްނުވަންވީ..“ ރައިޒެލް ދެއްކި ވާހަކައާ މެދު ޝިގާއަށް ފުރަތަމަ ފަހަރަށް ފުންކޮށް ވިސްނާލެވުނެވެ. ޝިގާ އޮތްތަނުން މަޑުމަޑުން ތެދުވިއެވެ.
”އެހެނެއްނުވާނެ ރައި.. އިޔާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ.. “ ޝިގާ އެކަމަށް އެއްބަސްނުވާން މަސައްކަތް ކުރަމުން ބުންޏެވެ. ރައިޒެލްވެސް އޮތްތަނުން ތެދުވިއެވެ. އެކުވެރިޔާގެ ކޮނޑުގައި އަތް އަޅުވާލިއެވެ.
”ޑާލިންގް އެންމެ ގާތް އެކުވެރިޔާދެކެ ލޯބިވެވުމަކީ ކުށެއް ނޫނޭ.. ވިސްނާލަބަލަ ފިރިއެއްގެ ގޮތުގައި އެންމެ ގާތް އެކުވެރިޔާ ހުރުމަކީ ކިހާ ސަޅިކަމެއް.. އައި ބްލީވް… ތިގުޅުން ދާއިމަށް ދެމިގެންދާނެ.. ޔޫ ޝުޑް ރިއަލީ ތިންކް އެބައުޓް އިޓް.. “ މިހެން ބުނެ ރައިޒެލް ތެދުވިއެވެ. އަތް ފޮޅާލުމަށްފަހު އޭނާ ދުރަށް ހިނގައިގަތެވެ. ޝިގާ ބަލައިލީ ދުރުގައި ތިބި އިޔާދާ މުނާއަށެވެ. ވިސްނެމުން ދިޔައީ ރައިޒެލް ދެއްކި ވާހަކައާ މެދުގައެވެ.
*********
ރައިޒެލް ނަމާދުކޮށްގެން އައި އިރު އެންމެން ތިބީ މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ. ރައިޒެލްވެސް ތައްޓަކަށް ކާއެއްޗެހި އަޅައިގެން އައިސް ލަކުޑި ގޮނޑީގައި ކާން އިން ޝިގާ ކައިރީގައި އިށީނެވެ. ކަމުން ދިޔައިރުވެސް ޝިގާގެ ނަޒަރު ހުއްޓިފައި ހުރީ އެންމެންނާ ވަކިން ތަންކޮޅެއް ދުރުގައި ތިބި ކާން ތިބި އިޔާދާއި މުނާއަށެވެ. ޝިގާ އެމީހުންނަށް ބަލަމުން ދިޔަ ގޮތުން ރައިޒެލް ކައިރިއަށް ހިނިއައެވެ.
”ހެލޯ ލޭޑީސް!!! “ ކުއްލިއަކަށް އެމީހުން ކުރިމަތީ ދޮންވެލި ގަނޑުމަތީގައި އައިސް އިށީން މިފްޒާލް ބުނެލިއެވެ. ރައިޒެލްއާއި ޝިގާ އޭނާއަށް ބަލައިލީ ސިހިފައެވެ.
”ހައި މިފްޒާލް!! “ ޝިގާ ޖަވާބުގައި ބުނެލިއެވެ. މިފްޒާލްގެ އެއަމަލުން އޭނާ އިނީ ކުޑަކޮށް ހައިރާންވެސް ވެފައެވެ. މީގެ ކުރިން ދުވަހަކުވެސް މިފްޒާލް އިސްވެ އޭނާއަށް ގޮވާލާފައިނުވެއެވެ.
”އަހަރެން ވަރަށް ބަނޑުހައި ވެގެން މިއުޅެނީ… އަހަންނަށް އެތަނުން ކާއެތިކޮޅެއް ގެނެސްދީފާނަންތަ؟ “ މިފްޒާލް އެހެން ބުނީ ރައިޒެލް އަށް ބަލަހައްޓައިގެން އިނދެއެވެ.
”އެތަނުގައި އެބަތިބި ކާއެއްޗެހި އަޅާދޭނެ މީހުން.. އެހެންނޫނަސް އަހަރެންނަށް ކިހިނެއް އެނގޭނީ މިފްޒާލް ކާން ބޭނުންވަނީ ކޯންޗެއްކަން.. “ ރައިޒެލް ބުނެލިއެވެ.
”ރައިޒެލް އަތުން ގެނެސްދީފިއްޔާ ކޮންމެ އެއްޗެއްވެސް އަހަރެން ކާނަން.. “ މިފްޒާލް ބުނެލިއެވެ. ރައިޒެލް އިނީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިގާ އިންދާ އޭނާއާ އެމޭރުމުން ވާހަކަ ދައްކާތީއެވެ.
”ގާއިޒް!! އަހަރެން ކައި މިނިމުނީ.. “ އިންތަނުން ތެދުވަމުން ޝިގާ ބުންޏެވެ.
”ގްރޭޓް..!! އެހެންވީމަ ޝިގް މިފްޒާލަށް ކާއެއްޗެހި ގެނެސްދޭންވީނު.. “ ރައިޒެލް އަވަސް އަވަހަށް ބުންޏެވެ. އެހިނދު ޝިގާ ބަލައިލީ މިފްޒާލަށެވެ. މިފްޒާލް މަޑުމަޑުން ދެފަރާތަކަށް ބޯހޫރާލި މަންޒަރު ފެނި ޝިގާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
”އޯ.. ނޯ.. ސޮރީ ރައި.. ސޮރީ މިފްޒާލް.. އަހަރެން ވަރަށް އަވަހަށް ފާހާނައަކަށް ދާން ޖެހިގެން މިދަނީ.. ރައި ދޭބަލަ މިފްޒާލަށް ކާއެއްޗެހި ގެނެސްދޭން.. “ ޝިގާ އެހެން ބުނުމަށްފަހު އެމީހުންނަށް ފުރަގަސްދީ ހިނގައިގަތެވެ. ރައިޒެލް ޝިގާއަށް ގޮވާލަން އުޅެފައިވެސް ހުއްޓުނީ ޝިގާ އަޑު ނާހާނެކަން އެނގޭތީއެވެ. ރައިޒެލް މިފްޒާލަށް ބަލައިލިއިރު މިފްޒާލް އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.
”ޕްލީޒް!!! “ މިފްޒާލް ބުނެލީ އާދޭހުގެ ރާގެއްގައެވެ. ރައިޒެލް ލޯ މަރާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާގެ އަތުގައިވާ ތަށި މިފްޒާލަށް ދިއްކޮށްލިއެވެ.
”ދެން އޭރުން ރައިޒެލް!!!؟ “ މިފްޒާލް ބުންޏެވެ.
”އަހަރެން ކާނީ ތަންކޮޅެއް ފަހުން.. ޑޯންޓް ވޮރީ ތީގަ އަތެއް ނުލަން އަދި އަހަރެން… “ ރައިޒެލް މިފްޒާލްގެ އަތަށް ތަށި ލައި ދިނުމަށްފަހު އެތަނުން ތެދުވެގެން ހިނގައިގަތެވެ. ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ރައިޒެލް ދާ ދިމާލަށް ބަލަހައްޓައިގެން އިނދެ މިފްޒާލް އެތަށިން ބަތްސުވާލެއް ނަގައި ކާލައިފިއެވެ.
****************
ރައިޒެލް ދިޔަ ގޮތަށް ދިޔައީ ފާހާނާއަށެވެ. ޝިގާވެސް އުޅޭނެކަން އެނގޭތީ މިފްޒާލަށް އެއްބާރުލުން ނުދިނުމަށްބުނެ ޝިގާއާ ވާހަކަ ދައްކާށެވެ. ފާހާނާއިން ނިކުމެ ޝިގާ ނިކުންނަން ދެން ފާރުގައި ލެގިލައިގެން މީހުން ތިބިތަނާ ދިމާލަށް ބަލަން ރައިޒެލް ހުއްޓެވެ. ކުއްލިއަކަށް ކުރެވުނު އާދަޔާ ހިލާފު އިހުސާސަކުން ރައިޒެލްގެ ހިތް ނުތަނަވަސްވާގޮތް ވިއެވެ. ކުރެވުނީ ކޮންމެވެސް މީހަކު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ފަދަ އިހުސާސެކެވެ. ފަހަތުން މީހެއް ހުރިކަމުގެ އިހުސާސް ވުމާއެކު ރައިޒެލްގެ ގައިން ހީބިހި ނަގައިގަތެވެ. ޔަގީނުންވެސް ޝިގާ ނަމަ އޭނާއަށް ގޮވާ ވާހަކަ ދައްކާނެއެވެ. ރައިޒެލް ނޭވާ އަވަސްވެ ދާހިއްލާ ގޮތްވިއެވެ. ދުއްވައިގަންނަން އުޅުނު ހިނދު ފަހަތުގައި ހުރި މީހަކު އޭނާގެ ކޮނޑުގައި ހިފަހައްޓައިފިއެވެ. ރައިޒެލް އަވަސް އަވަހަށް ފަހަތަށް އެނބުރުނެވެ. އޭނާގެ ކުރިމަތީގައި ހުރި މީހަކު ފެނިފައި ރައިޒެލް ވާޙަކަ ދައްކަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އެމީހަކު ރައިޒެލްގެ ދެއަތުގައި ހިފާ ގެންގޮސް ފާރާ ދިމާލަށް ކޮއްޕާލިއެވެ. ފާރުގައި ބުރަކަށި ޖެހުނު ހިނދު ރައިޒެލް ހަޅޭއްލަވައިގަންނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އެމީހަކު ރައިޒެލްގެ އަނގަމަތީގައި އަތް އަޅާ އޭނާގެ ހަށިގަނޑާ ފާރާ ދޭތެރޭގައި ރައިޒެލް ފިއްތާލައިފިއެވެ.
-ނުނިމޭ-