އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބަންގަލޭޝްގެ މަޝްހޫރު 2 އެކްޓިވިސްޓަކު ދޮގު ޚަބަރު ފަތުރައި ގައުމުގެ މޫނުމަތި ހަރާބުކޮށްފައިވާ ކަމަށް ބުނެ2 އަހަރަށް ޖަލަށް ލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިއްވީ އެ ހުކުމް ބަންގްލަދޭޝްގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕެއް ކަމަށްވާ އޮދިކާރުގައި އިސްކޮށް މަސައްކަތް ކުރަމުން އައި އަދިލޫރް ރަހުމާން ޚާނަށާއި ނަސީރުއްދީން އިލާންގެ މައްޗަށެވެ.
އެ 2 މީހުންގެ މައްޗަށް 2013 ގައި ދައުވާ ކުރީ 1 އަހަރުގެ ތެރޭގައި ހަރުކަށި އިސްލާމީ ފިކުރުތަކާ ދެކޮޅަށް އިސްލާމިކް ގްރޫޕްތަކަކުން ވެރިރަށް ޑާކާގައި ކުރި މުޒާހަރާއެއްގެ ތެރޭގައި ސަލާމަތީ ބާރުތަކުން ގިނަ އަދަދެއްގެ ބަޔަލު މަރާފައިވާ ކަމަށް ބުނެ ރިޕޯޓެއް އާންމުކުރުމާ ގުޅިގެންނެވެ.
އަދިލޫރާއި ނަސީރުއްދީން ނެރުނު ރިޕޯޓްގައި ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ވަރަށް އަނިޔާވެރިކޮށް މުޒާހަރާތައް ރޫޅައިލަން ކުރި މަސައްކަތުގެ ތެރޭގައި 61 މީހަކު މަރާލާފައިވާ ކަމަށް ބުނެފައިވެއެވެ.
މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓް ނެރުނުތާހެން އެ 2 އެކްޓިވިސްޓުން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާތައް ވަނީ އުފުލާފައެވެ.
އެ ހުކުމް ކުރުމާ ހަމައަށް ވެސް 2 އެކްޓިވިސްޓުން ގެންދިޔައީ އެ މީހުންގެ މައްޗަށް އުފުލި ދައުވާތަކަށް އިންކާރުކޮށްފައެވެ.
2 އަހަރުގެ ޖަލު ހުކުމް މީހުންގެ މައްޗަށް އިއްވުމާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަފުވާމީ ވަރަށް ގިނަ ޖަމާއަތްތަކުކުން އެކަން ކުށްވެރިކޮށް އެ 2 މީހުން ވަގުތުން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.