އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވައިގެ ބަނދަރަށް ކުރެއްވި ޒިޔާރަތުގައި ރަޝިޔާގެ އެންމެ ފަހުގެ މިސައިލްތަކާއި ބޮން އަޅާ މަތިންދާ ބޯޓްތަކާއި، ހަނގުރާމައިގެ އެހެނިހެން ޒަމާނީ ހަތިޔާރުތައް ބައްލަވާލައްވައިފިއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ރަޝިއާގެ ދުރުއިރުމަތީގެ ޖައްވީ އަދި އަސްކަރީ އަދި އެހެނިހެން ޓެކްނޮލޮޖީގެ ވަސީލަތްތަށް ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހުގެ ސްޓޮޕްގައި ރަޝިއާގެ ހައިޕަސޮނިކް ”ކިންޒަލް“ މިސައިލްތަކުގެ އިތުރުން ސްޓްރެޓެޖިކް، ނިއުކްލިއާ ގާބިލްކަން ހުރި ބޮންތައް ބައްލަވާލައްވާފައިވާ ކަމަށް ރަޝިއާގެ ނިއުސް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރަޝިއާގެ ޕްރިމޯސްކީ ސަރަހައްދުގެ ގަވަރުނަރު އޮލެގް ކޮޒެމްޔާކޯ ވަނީ ހޮނިހިރު ދުވަހު ވްލަޑިވޮސްޓޮކްގެ އިރު އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ އާޓިޔޯމް ސިޓީއަށް ކިމް ވަޑައިގެންނެވިކަން އިއުލާން ކުރައްވާފައެވެ.
އާޓިޔޯމަށް ވަޑައިގަތުމަށްފަހު ކިމް ވަނީ އެ ސިޓީގެ ބޭރުގައި އޮންނަ ވްލަޑިވޮސްޓޮކް އެއާޕޯޓަށް ވަޑައިގެން ރަޝިއާގެ ނިއުކްލިއާ ގާބިލްކަން ހުރި ސްޓްރެޓެޖިކް ބޮން ބޯޓުތަކާއި އެހެނިހެން ހަނގުރާމަމަތީ މަތިންދާބޯޓުތައް ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޯއިގޫ އާއި އަސްކަރިއްޔާގެ އެހެން އިސް އޮފިޝަލުންނާއި އެކު ބައްލަވާ ލައްވާފައެވެ.
ޝޮއިގޫ ކިމް އަށް ރަޝިއާގެ އެންމެ ފަހުގެ މިސައިލް ކަމަށްވާ ހައިޕަސޮނިކް ކިންޒަލް – އޭގެ މާނައަކީ ރަޝިއާ ބަހުން ”ހަންޖަރު“ – ނިއުކްލިއާ ނުވަތަ ކޮންވެންޝަނަލް ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ވައިގެ މަގުން ފޮނުވާލެވޭ ބެލިސްޓިކް މިސައިލެއް ތައާރަފުކޮށްދިނެވެ.
ކިންޒަލްގައި 480 ކިލޯ (1،100 ޕައުންޑް) ގެ ޕެލޯޑެއް އުފުލާއިރު 1،500-2،000 ކިލޯމީޓަރު (930-1،240 މޭލު) އާ ދެމެދުގެ ރޭންޖެއް ހުރެ އެވެ. އަދި އަޑުގެ 10 ގުނަ ބާރުމިނުގައި (12،000 ކިލޯމީޓަރު ނުވަތަ 7،700 މޭލު ބާރުމިނުގައި) ދަތުރު ކުރެވިދާނެ އެވެ.