ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ސިފަވާގޮތަށް އީލޮން މަސްކް ވާހަކަ ދެއްކުމުން ޓައިވާނުން އޭނާއަށް ރައްދު ދީފިއެވެ.
ޓައިވާނުން ބިލިއަނަރު އެލޮން މަސްކް އަށް ބުނީ ”އެއީ ވިއްކަން އޮތް ތަނެއް ނޫންކަމަށް“ އަދި ޓައިވާނަކީ މިނިވަން ގައުމެއް ކަމަށާއި، އެއީ ޗައިނާގެ ބައެއް ނޫންކަމަށެވެ.
”އަޑުއަހާބަލަ، ޓައިވާނަކީ ޕީއާރުސީ [ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ] ގައި ހިމެނޭ ގައުމެއް ނޫން، އަދި ޔަގީނުން ވެސް ވިއްކާލަން އޮތް ތަނެއް ވެސް ނޫން!“ މަސްކްގެ އެކްސްގައި ފޮރިން މިނިސްޓަރު ޖޯސެފް ވޫ ވިދާޅުވި އެވެ.
މި ހަފުތާގައި ބޭއްވި ބިޒްނަސް ސަމިޓެއްގައި މަސްކް ވަނީ ޓައިވާނާއި ހަވާއީ އާ އަޅާ ކިޔާ، އެއީ ޗައިނާގެ ”މުހިންމު ބައެއް“ ކަމަށް ސިފަކުރައްވާފަ އެވެ.
ބެއިޖިންއިން ބުނަނީ ޓައިވާނުގައި އަމިއްލަ އަށް ވެރިކަން ކުރާ އިރު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
މި ހަފުތާގައި ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން ވައިގެ މަގުންނާއި ކަނޑުގެ ސިފައިންގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ. ޓައިވާނުން ބުނއެގައުމުގެ ކަނޑުގެ ސަރަހައްދުން ޗައިނާގެ 40 އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓާއި ގާތްގަނޑަކަށް 10 ވަރަކަށް އުޅަނދު ފެނިފައިވާ ކަމަށެވެ.
މިއީ ޗައިނާގައި ވިޔަފާރީގެ މަސްލަހަތު އޮންނަ މަސްކް ގެ ވާހަކަތަކުން ޓައިވާނުގެ ސަރުކާރު ރުޅިގަދަވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އޮކްޓޫބަރު މަހު އޭނާ ލަފާ ދެއްވީ ޗައިނާ އާއި ޓައިޕޭއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރެވޭނީ ޓައިވާނުގެ މައްޗަށް ޗައިނާއަށް ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ދީގެން ކަމަށެވެ.
އެއަށްފަހު ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ދެ ސަރުކާރަށް ”އެކަށީގެންވާ ގޮތެއްގައި ރަގަޅު“ އިންތިޒާމެއް ހަމަޖެއްސޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
”އުއްމީދަކީ އީލޮން މަސްކް ވެސް ސީސީޕީ [ޗައިނީޒް ކޮމިއުނިޓީ ޕާޓީ] ގެ ކިބައިން އެކްސް ރައްޔިތުންނަށް ހުޅުވާލުމަށް އެދެވިދާނެ ކަމަށް،“ ވޫ ވަނީ އެކްސްގައި ޕޯސްޓްކޮށްފަ އެވެ. މީގެ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ މަސްކްގެ މައިކްރޯ ބްލޮގިން ޕްލެޓްފޯމް އެކްސް ޗައިނާގައި ވަނީ މަނާކޮށްފަ އެވެ.