ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަ ފެތުރުމަކީ މީހުން މެރުމަށް ވުރެވެސް ނުބައިކަން ބޮޑު ކަމެެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމަށް ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. މާތް ރަސްކަލާނގެ މުސްލިމުންނަށް އަމުރު ކުރައްވާފައި ވަނީ ތެދު ބަސްބުނުމަށްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ އިސްލާމް ދީނުގައި ދޮގުހެދުން ޙަރާމްކުރައްވާފައިވާ އިރު އެކަމުގެ ނުބައިކަމުގެ މައްޗަށް ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން ހައްޤުގެ މަގަށް މަގުދައްކާއި އިސްލާހުކުރުމަށް މަސައްކަތް ކުރާ ހެޔޮލަފާ މީހުން މެދުވެރިކުރައްވާ ބާތިލު އަހުލުވެރިންގެ މައްޗަށް ހުރަސް އަޅުއްވާނެ ކަަމަށާއި ވަނީ ބުނެފައެވެ.
ފަސާދައިގެ އަހުލުވެރިންނާއި ދެކޮޅު ހަދާނެ ބަޔަކު ނެތް ނަމަ އެ މީހުންގެ ނުބައިކަން ދުނިޔެއަށް އާއްމުވެގެން ހިނގައިދާނެ ކަމަށާއި މީސްތަކުންގެ މަސްލަހަތު ގެއްލިދާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
”ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައި ކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން މާތް ރަސްކަލާންގެ ވަނީ ދޮގު ހެދުން ހަރާމް ކުރައްވައިފަ އެވެ. މާތް ރަސްކަލާންގެ ވަނީ ދޫ ރައްކާތެރި ކުރުމަށް އަމުރު ކުރައްވައިފަ އެވެ. ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން ވަނީ ހަރާމް ކުރައްވައިފައެވެ.“ ޚުތުބާގައި ވިދާޅުވެފައިވެއެވެ.
މުޖުތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ މީހުން ދޮގާއި ދޮގު ޚަބަރު ފަތުރާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައި ވަނީ ރަސޫލު ބޭކަލުންނާ ދެކޮޅުވެރިވި މީހުންގެ އަމަލުތަކުން އެކަން ހާމަވާ ކަމަށެވެ.
އެ ބޭކަލުންނަކީ ދޮގުވެރިންނޭ، ކިބުރުވެރިންނޭ، ބިން ފަސާދަކުރާ މީހުންނޭ ބުނެ، އެފަދަ ދޮގު ވާހަކަތަކުގެ ބޭނުމަކީ ހައްޤު މަގުން މީސްތަކުން އެއް ކިބާކުރުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
މުޖުތަމައުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލާ އެ ވާހަކަތައް ޤަބޫލުކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަމެއް ކަމަށާއި ދޮގު ޚަބަރު ފެތުރުމަކީ ހައްޤު އޮޅުވާލުން ކަމާއި މީސްތަކުން ހަމަހަމަ މަގުން އެކަމުގެ ސަބަބުން އެއްކިބާވެގެންދާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭ ކަަމަށާއި މުޖުތަމައުގައި ފެތުރޭ ވާހަކަތަަކުގެ ހަގީގަތް ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނާއި ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.