މިދިޔަ އޯގަސްޓް މަހު ދައުލަތަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޯގަސްޓް މަހު ދައުލަތަަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
މީގެ ތެރޭގައި 62.02 މިލިއަންގެ ޑޮލަރު އާމްދަނީ ހިމެނެއެވެ.
މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހާއި އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.
އޭގެ އެއް ސަބަބަކީ ޖުލައި މަހު ފަތުރުވެރިން އައި ނިސްބަތް އިތުރުވުމާއެކު ޓީޖީއެސްޓީ، ޖީއެސްޓީ އަދި އެއާޕޯޓް ޓެކްސެސް އިތުރުވުމެވެ.
އޯގަސްޓް މަހުގެ އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާ އިރު އިތުރުވި ނަމަވެސް މި އަހަރު ލަފާ ކުރި އާމްދަނީއަށް ވުރެ ދަށެވެ.
މި އަހަރު އޯގަސްޓް މަހު ލަފާ ކުރި އާމްދަނީއަށްވުރެ ލިބުނު އާމްދަނީ 7.7 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. މީއީ އިންކަމް ޓެކްސް އަދި ގްރީން ޓެކްސްގެ އިތުރުން ޓީޖީއެސްޓީ ލަފާކުރިވަރަށް ވުރެ ދަށްވުމެވެ.
ދައުލަތުގެ އާމްދަނީއަށް ބަލާ އިރު މި އޯގަސްޓް މަހުގެ ޓެކްސް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި 376 މިލިއަން ރުފިޔާ ލިބިފައިވާ އިރު ޓީޖީއެސްޓީގެ ގޮތުގައި 566 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 188 މިލިއަން ރުފިޔާ ވަނީ ވަދެފައެވެ.
މިދިޔަ މަހު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 275 މިލިއަން ރުފިޔާއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އެއާރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައެވެ. އެ ފީއަށް 90 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީރާއިން ކޮންމެ މަހަކު ވެސް ދައުލަތަށް ލިބޭ އާމްދަނީ އާންމު ކުރެއެވެ. މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް މި އަހަރު މުޅި ޖުމްލަ 15.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.