ތައިލެންޑުގެ ޗިއާންމާއީގައި ކުޅުނު 4 ގައުމުގެ ކިންގްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 5 – 3 ން ތައިލެންޑް ބަލިކޮށް އިރާގު އެ މުބާރާތުގެ ތަށި ހޯދައިފިއެވެ.
ޕެނަލްޓީއަށް ދާންޖެހުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން ފުރިހަމަ ވަގުތު ނިމުމުންނެވެ.
ވަރުގަދަ އިރާގާ ދެކޮޅަށް ތައިލެންޑުން މޮޅު ކުޅުމެއް ކުޅެފައިވީ ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ތައިލެންޑުގެ 1 ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ.
އެ މިބާރާތުގެ 3 ވަނަ މަގާމު ހޯދީ ލުބުނާނެވެ. 3 ވަނަ ހޮވި މެޗުގައި އިންޑިޔާއާއި ވާދަކޮށް ލުބުނާން މޮޅުވީ އެކެއް ސުމަކުންނެވެ.
މިއީ 3 މަސް ދުވަހުގެ ތެރޭގައި އިންޑިޔާއާއި ލުބުނާން ވާދަކުރި 3 ވަނަ ފަހަރެވެ. އަދި ލުބުނާން މޮޅުވި ފުރަތަމަ ފަހަރެވެ. ލުބުނާން މޮޅުވިއަސް އިންޑިޔާ ވަނީ މި މެޗުގައި ވެސް މޮޅު ކުޅުމެއް ކުޅެފައެވެ.
ފައިނަލްގައި ވާދަކުރި އިރާގަކީ އެ މުބާރާތުގެ އެންމެ މަތީ ރޭންކުގެ ޓީމެވެ. ތައިލެންޑަކީ އެންމެ ދަށް ރޭންކުގެ ޓީމެވެ. 3 ވަނަ ހޮވި މެޗުގައި ލުބުނާން އަތުން ބަލިވުމާ ގުޅިގެން ފީފާގެ އެންމެ ފަހުގެ ރޭންކިންގައި އިންޑިޔާ ވަނީ ޓޮޕް ސަތޭކައިގެ ތެރެއިން ފަހަތަށް ސޮއްސާލައިފައެވެ.