ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ރުހުން ލިބިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ހާމަކޮށްފައިވާ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ބުރުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހުރިހާ ޕާޓީތަކާއި އެކު ކޯލިޝަން ހެދުމުގެ މަޝްވަރާ އަންނަނީ ކުރަމުން ކަމަށާއި އެކަމަށް ރައީސް ޔާމީންގެ ރުހުން ވެސް ވަނީ ލިބިފައި ކަމަށެވެ.
ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ޔާމީންގެ ނެތް ކަމަށް އެޕާޓީގެ ލީޑަޝިޕަށް އަންގަވާފައިވާ ކަމަށް ހަބަރު ފެތުރުން ނަމަވެސް އަބްދުއްރަހީމް ވަނީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަން ތިބި ކޮންމެ ޕާޓީއަކާއި އެކު ވެސް ކޯލިޝަން ހެދުމަށް އަންގަވާފައި ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިއަދުގެ ވަގުތެއްގައި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ޕާޓީ ކަމަށްވާ އެމްއެންޕީއާއި އެކު ވެސް ޕީޕީއެމް/ޕީއެންސީއިން ވަނީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.