ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ކޮމެޓީއެއް އެކުލަވާލައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު މަޝްވަރާއަށް ދިއުމަށް ނިންމައިފިއެވެ.
ޑިމޮކްރެޓްސްގެ އިންޓަރމް ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ކައުންސިލުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ މި ސަރުކާރާއެކީ ކުރިއަށް ނުދާނެ ކަމަށް ބުނެފައެވެ.
ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މިހާރު އޮތް 2 ޗޮއިސް ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއެކީ ވެސް ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ނަމަވެސް ޤައުމަށްޓަކައި ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމައިގެން ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.
އިންތިޚާބުގެ 2 ވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މެންބަރުން ހަސަން އަފީފް ވަނީ ކޮމެޓީއެއް ހުށަހަޅުއްވާފައެވެ.
މަޝްވަރާއަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:..
– އިލްޔާސް ލަބީބް
– ހުސެއިން އަމްރު
– ހަސަން ލަތީފް
– އީވާ
– މުހައްމަދު ޝިފާޒު
– ޢަލީ އާޒިމް
– ބަޝީރުގެ އިތުރުން އަންސަރުއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ އޮތީ 3 ގޮތެއް ކަމަށާއި އެއްގޮތަކީ އެއްވެސް ކޮޅަކަށް ނާރާ ތިބުން ކަމަށެވެ. އަނެއް ގޮތަކީ ރައީސް ޞާލިހު ފަހަތަށް އެރުން ނޫނީ، ޑރ. މުއިއްޒުގެ ފަހަތަށް އެރުންކަމަށެވެ.
މި 3 ގޮތުގެ ތެރެއިން ގޮތެއް ނިންމާނީ ޢާންމު މެންބަރުންނާއި ރައްޔިތުންނާއި ޤައުމަށް އެންމެ ރަނގަޅު ގޮތަކަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް އިލްޔާސް ވިދާޅުވިއެވެ.