ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހިފައިވާއިރު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރެވެމުން އަންނަ އިރު އެކަމުގައި ގޮތް ނިންމުމަށް ”ބޯޅަ އޮތީ ޑިމޮކްރެޓްސްގެ ކޯޓުގައި“ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ ”ދަ ޑިމޮކްރެޓްސް“ ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ތިންވަނައަށް އެންމެ ގިނަ ބައެއްގެ ވޯޓު ހޯދާފައެވެ.
އެގޮތުން އިންތިޚާބުގެ ދެވަނަ ބުރަކަށް ދަތުރުކޮށްފައި ވާާއިރު، ޑިމޮކްރެޓްސް އިން ވަނީ އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީއާ އެކު ވެސް ކޯލިޝަން މަޝްވަރާތައް ބާއްވާފައެވެ.
ޑިމޮކްރެޓްސް އާއި އެކު ޕީޕީއެމް/ ޕއެންސީން ކުރި މަޝްވަރާތަކާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އެކަމުގައި ގޮތް ނިންމުމަށް ”ބޯޅަ އޮތީ ޑިމޮކްރެޓްސްގެ ކޯޓުގައި“ ކަމަށެވެ.
މީގެ އިތުރުން މި މަސައްކަތް ކުރައްވަނީ ”ދިވެހިންގެ ރާއްޖެ“އެއް ހޯދުމަށް ކަމަށާއި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ދައުވަތު ވަނީ ހުޅުވާލާފަ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަަތަަމަ ބުރުން ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯދި ޑިމޮކްރެޓްސް ވެގެން ދާނީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އިންތިޚާބުގައި އެންމެ ކުރި ހޯއްދެވި ޕީއެންސީއަށާއި ދެވަނައަށް އެންމެ ގިނަ ބައެއްގެ ވޯޓު ހޯދި އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކުރުމަށް ލިބޭނެ އެންމެ ބޮޑު ބާރަށެވެ.