ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމް ކޮށްގެން އަންނަ އަހަރު ބާއްވާ ޔޫތު ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނީ ”ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޑްރަގްސް އެންޑް ކްރައިމް ޔޫތު ފޯރަމް 2024“ ނަން ހުށަހެޅުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައިވާ ކަމަށެވެ.
އަންނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް އަޑުއުފުލައި ޒުވާނުން ބާރުވެރިކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ އުމުރުން 14 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވަމުންގެންދާ ފޯރަމެކެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ފޯރަމަށް ނަން ހުށަހަޅާ ޒުވާނުންގެ ތެރެއިން ދެ ޒުވާނުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު އުސޫލުން ކަމަށާއި ފޯރަމަށް ހޮވިގެންދާ 2 ޒުވާނުންނަށް މާލީ އެހީ ލިބެންހުރި މިންވަރަކުން ޔޫއެންއޯޑީސީ އިން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ފޯރަމްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި 14 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުން އަންނަ އޮކްޓޫބަރު 22 ގެ ކުރިން މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީއާއި ސީވީ (ޔޫއެންއޯޑީސީއިން އީ-މެއިލް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިންކޮށް މުއާމަލާތު ކުރެވޭނެ ގޮތެއް ހިމެނޭގޮތަށް) އާއި ޑްރަގުގެ ވަބާއިން ރައްކާތެރިވުމަށް ނުވަތަ ސިއްހަތު ކުރިއެރުވުމުގައި އިލްމާއި ޝައުގުވެރިކަން/ތަޖުރިބާ ހުރި މިންވަރު އަންގައިދޭ ލިޔެކިޔުމާއި ބަހުގެ ހުނަރު ހުރި މިންވަރު ދެނެގަނެވޭނެ ލިޔެކިޔުން info.yd@youth.gov.mv އީމެއިލް ކުރަން ޖެހެއެވެ.