މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 ވާ ޒުވާނުންނަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މަހުގެ ނިޔަލަށް އުމުރުން 18 ފުރޭ ޒުވާނުންނަށް މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގައި ބޭނުންކުރާނީ ފުރަތަމަ ބުރުގައި ވެސް ބޭނުންކުރި ފޯމު ކަމަށާއި އޮންލައިންކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
އެންމެ ފަހުގެ އީސީިގެ ހިސާބުތައް ދައްކަގޮތުން ރިޔާސީ އިންތިހާބު 2023ގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ.