ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރަކީ ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށް ޑރ.މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއް އައިސްފިނަމަ އޮންނާނީ ޖަމްއިއްޔަތުއްސަލަފްގެ ކޮންޓްރޯލް ކަމަށާއި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާނެ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން ސަލަފު ޖަމްއިއްޔާގައި ހިމެނިވަޑައިގަންނަވާ ޑރ.ޢަލީ ޒާހިރަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް ހަދާފައިވާ ފޮޓޯއަކާ ގުޅިގެން ޑރ.އިޔާޟް ވިދާޅުވީ ޑރ.ޢަލީ ޒާހިރަކީ އެއްވެސް ހާލެއްގައި ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
”އަޅުގަނޑު ވަރަށް ރަނގަޅަށް ޑރ.ޢަލީ ޒާހިރު ދަންނަން. އެމަނިކުފާނަކީ އެއްވެސް ޖާލެއްގައި ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއް ނޫން.“ އަދާލަތު ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޑރ.އިޔާޟް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވީ ޑރ.ޢަލީ ޒާހިރަކީ ހައްދުފަހަނަ އެޅި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އޭނާއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ އިލްމުވެރިއެއް ކަމަށެވެ.