ފުވައްމުލަކު ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލަކު ސިޓީގެ ނައިބު ތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ކަހާލައިގެން ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އާދިއްތަ ވަނަ ދުވަހު މާލެ ގެނެސްފައިވާ ކަމަށެވެ.
އޭނާއަށް އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އޭނާ މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެވެ.
މި އެކްސިޑެންޓްގައި މަރުވީ ފުވައްމުލަކު ސިޓީގެ މިސްކިތްމަގު އަވަށު ދެބުދާރުގެ، އުމުރުން 30 އަހަރުގެ އިސްމާއިލް ހަސަންއެވެ.
އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.
ފުލުހުން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.