ހަތްވަނަ ބައި
ދަހާ އަށް އިސްޖަހައިލެވުނީ ކުއްލިއަކަށެވެ. ސައިފް އަށް އިތުރަށް ބަލާނެ ހިތްވަރެއް އޭނާގެ ނެތީ ކަހަލައެވެ. މަޑުމަޑުން ހުރެ ބަހެއްވެސް ބުނުމެއްނެތި ސައިފްގެ ފަހަތުން އޭނާ އައެވެ. ސައިފް ހިންގާ ކެފޭ އާއި ޖެހިގެން ކަހަލަ ގޮތަކަށް ހުރި ދޮރާށި ދޮށުގައި އޭނާ މަޑުކޮށްލިއެވެ. އަދި ދޮރުގެ ތަޅު ހުޅުވަމުން ދަހާ ގޮވައިގެން އެތެރަށް ވަނެވެ. އަދި އެއްފަރާތުން ފެންނަން ހުރި ހިމަ ދިގު ސިޑިން ލައިފައި އޭނާ ދަހާ ގޮވައިގެން ދެވަނަ ބުރިއަށް އަރަމުން މަޑުޖެހިލިއެވެ. ކުރިމަތިން ފެންނަން ހުރި އެޕާރޓްމެންޓްގެ ދޮރު ހުޅުވައިލަމުން އަނެއްކާ ވެސް ދަހާ ގާތުގައި އެތެރަށް ވަނުމަށް ބުނެލިއެވެ.
ސައިފްގެ ބަހަށް ކިޔަމަންވަމުން އޭނާ އެދުނު ފަދައިން ދަހާ ކަންތައްކުރިއެވެ. އެތެރަށް ވަންނަމުން ވަށައިގެން އޭނާ އަށް ނަޒަރު ހިންގައިލެވުނީ ބޭއިޚުތިޔާރުގައެވެ. ސައިފް އޭނާ ގޮވައިގެން އައި ތަނަކާމެދުގައި ޝައުގުވެރިވެފައި ހުރި ކަހަލައެވެ. އެއީ ކޮން ގެއެއްކަން ދެނެގަންނަން ބޭނުންވެފައިވީފަދަ އަސަރުތަކެއް ދަހާގެ މޫނުން ފައުޅުވަމުންދިޔައެވެ.
ދަބަސް ހިފައިގެން ދަހާގެ ފަހަތުން ގޭތެރަށް ވަންނަމުން އަތުގެ އިޝާރާތުން އޭނާގެ ފަހަތުން އައުމަށް ސައިފް އެދުނެވެ. އެވަގުތު ވައަތްފަރާތުގައި ހުރި ދެ ދޮރުން ދޮރެއް ހުޅުވައިލުމަށްފަހު މެދު އުމުރުގެ އަންހެނަކު ބޭރަށް ނުކުތެވެ. އެމީހާގެ ފަހަތުން ކަހަލަ ގޮތަކަށް ހިނިއައިސްފައި ކޮންމެވެސް ވާހަކައެއް ދައްކަމުން ދަހާއަށް ވުރެ އުމުރުން ތަންކޮޅެއް ހަގު އަންހެންކުއްޖަކު ނުކުތެވެ. ލައިފައިހުރި ކަޅު ކުލައިގެ އަބާޔާއާއި އެކު އަޅައިފައިވާ ކަޅު ޝޯލްގެ ތެރެއިން ފައުޅުވާން ހުރީ އެއަންހެންކުއްޖާގެ ދޮން މޫނާއި ދެއަތްތިލައެވެ. އެކުއްޖާ ގާތުގައި ހުރި އަންހެންމީހާ ވެސް ހުރީ ހަމަ އެފަދައިން ހެދުން އަޅައިފައެވެ. ބޭއިޚުތިޔާރުގައި އޭނާ ލައިގެން ހުރި އަންނައުނަށް ދަހާއަށް ބަލައިލެވުނެވެ. އެމީހުނާއި އޭނާ އާއި އަޅައިކިޔޭގޮތްވީއެވެ. ހިންދިރުވައިލުމާއެކު އޭނާ އަވަސް އަވަހަށް އިސްޖަހައިލީ އެމީހުންގެ ނަޒަރު އޭނާއަށް އަމާޒުވީތަން ފެނިފައެވެ.
”ސައިފް، ދަރިފުޅު ތި އައީ ދޯ. ބަންގިގޮވީމަ ބޮޑުދައިތަވެސް ކެފޭ ބަންދުކޮށްފަ މި އައީ އެކުން މިވަގުތު އެތަނުގަ އެއްވެސް މީހެއްވެސް ނެތީމަ. މީ ކޮންކުއްޖެއްތަ؟ ސައިފްގެ އެކުވެރިއެއްތަ؟“ އެއަންހެންމީހާގެ އަޑުގައިވީ ހިތްހެޔޮކަމެވެ. ހިނިތުންވެފައި ހުރެ އައިސް ސައިފްގެ ކުރިމަތީގައި ހުއްޓެމުން އޭނާ ފުންނަޒަރަކުން ދަހާއަށް ބަލައިލިއެވެ. ދަހާ ހުރިގޮތުން އޭނާ ހައިރާންވި ނަމަވެސް މިވަގުތު އެކަމާ ވިއްދައި ސައިފްއާ އެއްވެސް ސުވާލެއް ކުރާކަށް އޭނާ ނޫޅުނެވެ.
”ބޮޑުދައިތަ، ފަހުން ވާހަކަދައްކާނީ، މިވަގުތު ދަހާ އެހުރީ ވަރަށް ވަރުބަލިވެފަ“ އުމޭރާގެ މޫނަށް ބަލައިލަން ނުކެރިފައިހުރިފަދައަކުން އިސްޖަހައިލުމަށްފަހު ސައިފް އަވަސް އަވަހަށް ބުނެލިއެވެ. އިރުކޮޅަކު ސައިފްއަށް ބަލަން ހުރެފައި އުމޭރާ ލަސްލަހުން ބޯޖަހައިލީ އެންމެ ރަނގަޅޭ ބުނުމުގެ ގޮތުންނެވެ. އެއާއެކު ދަހާގެ އަތުގައި ހިފައި ދަމައިލަމުން ކަނައަތްފަރާތުގައި ހުރި ކޮޓަރިއާ ދިމާއަށް ސައިފް ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރުހުޅުވައިލަމުން އެއްފަރާތުގައި ހުރި ސްވިޗް ބޯޑުން ފިތަކަށް އޭނާ އޮބައިލިއެވެ. އަދި އެތެރަށްވަދެ އެނދުމަތީގައި ދަބަސް ބާއްވަމުން ދަހާ ގާތުގައި އައުމަށް ބުނެލިއެވެ.
”މީ ދަހާގެ ކޮޓަރި. މިތަނުގަ ބޭނުންހާ ދުވަހެއް ވަންދެން ދަހާއަށް ހުރެވޭނެ. މިތަނުން ދަހާ ނެރޭނެ މީހެއް ނާންނާނެ. އެހެންވީމަ އެކަމާ ހާސްވާކަށް ނުޖެހޭނެ. އިޝާ ނަމާދު ފަހުން އަހަރެން އަންނާނަން. އޭރަށް ވާއިރަށް ފެންވަރައި ތާޒާވެލައިގެން ހުންނާތި“ އެހެން ބުނެލަމުން އަވަސް އަވަހަށް އެކޮޓަރިން ނުކުމެ ސައިފް ދޮރުލައްޕައިލިއެވެ. ބަހެއްވެސް ނުބުނެ ހުއްޓުން އަރައިފައި ދަހާއަށް ހުރެވުނީއެވެ. ލަސްލަހުން ކޮޓަރީތެރަށް އޭނާ ނަޒަރު ހިންގައިލިއެވެ. މާބޮޑު ނޫނަސް އެތަނުގައި އެއްޗެހި ތަރުތީބު ކުރެވިފައިވީގޮތުން ހިތްގައިމުގޮތެއް ކޮޓަރީގައި ހުއްޓެވެ. އެއްފަރާތު ފާރުގައި ޖައްސައިފައި ޑަބަލް އެނދެއް ހުރި އިރު، އެނދުގެ ކައިރީ ކުޑަ ސައިޑް ޓޭބަލް އެއް ބަހައްޓައިފައި ހުއްޓެވެ. އަދި ފާޚާނަ ދޮރާ ދުރުނޫން ހިސާބެއްގައި ޑްރެސިންގް ޓޭބަލް ހުރިއިރު، އެއާއި ޖެހިގެން ތިންދޮރުފަތުގެ އަލަމާރިއެއް ހުއްޓެވެ. މުޅިކޮޓަރީގެ ފާރުތަކުގައިވީ ވިލުނޫކުލަ ލައިފައެވެ. ކޮޓަރީގެ ބިތްދޮށު ފަރާތުގައި ބޭރަށް ހުޅުވޭނޭހެން ކުޑަދޮރެއް ހުރިއިރު، ހުދުކުލައިގެ ލޭސް ދޮރުފޮތިގަނޑު ހުރީ ދެފަރާތަށް ކަހައިލައިފައެވެ. ހިތްހަމަޖެހުން ހިނދުކޮޅަކަށް ދަހާގެ މޫނުން ފައުޅުވެލިއެވެ. ކުދިފިޔަވަޅުތަކެއްގައި އައިސް އެނދުމަތީގައި އިނށީދެލަމުން ހަށިފުރާ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ.
އެކޮޓަރިން ސައިފް ނުކުމެގެން އައި އިރު، އޭނާގެ އިންތިޒާރުގައި ސިޓިންގްރޫމްގައި ހުރި ސޯފާގައި އުމޭރާ އާއި މަނާލް އިނެވެ. ސައިފް ފެނުމާއެކު އޭނާއަށް ގޮވައިލަމުން ގާތަށް އައުމަށް އުމޭރާ އެދުނެވެ.
”އެންމެފަހުން އެކޮޓަރި ކުއްޔަށް ދޭން ދަރިފުޅު ނިންމީތަ“ ގާތުގައި އިނށީން ސައިފްގެ ބުރަކަށީގައި ފިރުމައިލަމުން އުމޭރާ އަހައިލިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހިމޭނުން އިނދެފައި ދެފަރާތަކަށް ސައިފް ބޯހޫރައިލީއެވެ. ވަގުތުން އުމޭރާގެ ނަޒަރު އޭނާގެ ކުރިމައްޗަށް ކަހަލަ ގޮތަށް އިނށީދެގެންއިން މަނާލްއަށް ދަތުރުކޮށްލިއެވެ. ސުވާލުއުފެދިފައި އިންފަދަ ގޮތަކަށް މަނާލް ވެސް ހިމޭނުންއިނީ ސައިފް ވެގެންއުޅޭގޮތް އޮޅުންފިލުވައިދޭތޯއެވެ.
”އެހެންވީއިރު އެއީ ކޮން ކުއްޖެއް“ ސައިފް ބަހެއް ނުބުނުމުން އަނެއްކާވެސް އުމޭރާ އެއްސެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިންތަނުން ސައިފް ތެދުވިއެވެ. އަދި މޫނުގައި އަތްކާއްތައިލަމުން އުމޭރާއަށް ފުރަގަސްވާނޭހެން ހުއްޓުނެވެ. ކޮންމެވެސް ވަރަކަށް ދަހާއަށް ވެގެންއުޅޭގޮތް ސައިފް އޮޅުންފިލުވައިދިނެވެ. އޭނާއަށް ވެސް މާބޮޑު އެއްޗެއް ނޭނގޭތީ އުމޭރާ ކުރިހައި ސުވާލަކަށް ޖަވާބުދެވޭގޮތެއް ނުވިއެވެ.
”ބޮޑުދައިތާ، އަހަންނަކަށް ނޭނގެ ކީއްވެކަމެއް، އެކަމަކު.. އެކަމަކު އަހަރެން ބޭނުންވަނީ ދަހާއަށް އެހީވާން. އެދިރިއުޅުމުން އޭނާ ސަލާމަތްކޮށް އާ ޙަޔާތެއް ހޯދައިދޭން“ އެތަނަށް ވެރިވެފައިއޮތް ހިމޭންކަން ނެތިގެންދިޔައީ ސައިފްގެ އަޑުންނެވެ. އިރުކޮޅަކު މަޑުން އިނުމަށްފަހު އުމޭރާ ބޯޖަހައިލީ ސައިފް ބުނަން އުޅޭ އެއްޗެއް ވިސްނުނު ފަދައަކުންނެވެ.
”ދަރިފުޅަށް ޔަގީންތަ އެކަން ވާނެކަން“ ތެދުވެގެން އައިސް ސައިފްއާ ކުރިމަތިލައި އުމޭރާ އެއްސެވެ. އާނއެކޭ ބުނަމުން ސައިފް ބޯޖަހައިލީ އުމޭރާއަށް ޔަގީންކަން ދޭން ބޭނުންވެފައި ހުރިވަރުންނެވެ. ”ތިހެންވީއިރު، ބޮޑުދައިތަގެ އެއްވެސް މައްސަލައެއް ނެތް. ތިކަމުގަ އިރާދަކުރެއްވިއްޔާ ދަރިފުޅަށް ބޮޑުދައިތަގެ އެހީތެރިކަމާ އެއްބާރުލުން ލިބޭނެ“ ސައިފްގެ ބޮލުގައި ފިރުމައިލަމުން އުމޭރާ ހިނިތުންވެލިއެވެ. އެއާއެކު އަނެއްފަރާތުން އައިސް ސައިފް ގާތުގައި ހުއްޓެމުން މަނާލް ވެސް އުމޭރާގެ ވާހަކަތަކާ އެއްބައިވެލިއެވެ. އެމީހުންގެ ވާހަކަތަކުން ނުތަނަވަސްވެފައިހުރި ސައިފްގެ މޫނުމައްޗަށްވެސް ހިނިތުންވުމުގެ އަސަރު ވެރިވިއެވެ. ހިތުގައި އޮތް އުއްމީދު އައުވާގޮތްވިއެވެ.
ދޮރުގައި ބެލް އަޅައިލިއަޑަށް ތިން މީހުންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ކާކުކަމާމެދު ސުވާލުއުފެދިފައި ހުރެ ސައިފް ދޮރުހުޅުވައިލިއެވެ. އެއާއެކު ޕިސް ޖަހައިލި އަކްރަމް ގޭތެރަށް ދެމިގަތެވެ. ”ކޮންތާކު ތިއުޅެނީ، މިހާރު ކިހައި ވަރަކަށް އަހަންނަށް ގުޅިއްޖެ. ފޯނު ރިންގްވާ އަޑުވެސް ނީވޭ ދޯ“ ސައިފްގެ ކޮނޑުގައި ޖަހައިލަމުން އަކްރަމް ކުދިކިޔައިލިއެވެ. އަކްރަމްގެ ވާހަކަތަކުން ހިނިއައިސްފައި ދެފަރާތަކަށް ސައިފް ބޯހޫރައިލިއެވެ. ”އަކޫ އެކޭ އަންހެންކުއްޖެކޭ އެއްގޮތް ޝަކުވާކުރާއިރު“ ސައިފް ވެސް އަކްރަމްގެ ސަމާސާގައި ބައިވެރިވަލަމުން އޭނާއާ ދިމާކޮށްލިއެވެ.
އެއްލިކަޅިއަކުން އުމޭރާ ގާތުގައި ހުރި މަނާލް އަކްރަމްގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން އޭނާގެ މޫނުމަތީގައި ރަސްކަން ކުރަމުންދިޔަ ހިނިތުންވުމާއި ސަމާސަވެރިގޮތް ފިލިއެވެ. ސީރިއަސްކަން މޫނަށް ވެރިވުމާއެކު އަކްރަމްއަށް ނަޒަރު އެހެންދިމާއަކަށް ބަދަލުކޮށްލެވުނީއެވެ. މަނާލްގެ މޫނުމަތީގައިވީ ނުރުހުން އެކުޑަ ހިނދުކޮޅުވެސް އޭނާއަށް ސިއްރެއް ނުވިއެވެ. އެބެލުމުގައިވި ހަރުކަށިކަން އޭނާގެ ހިތަށް ތަދުކުރުވިއެވެ.
”ދަރިފުޅާ މަނާލް، ދޭބަލަ އަކްރަމްއަށް ބޯލާނެ ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލައިގެން އަންނަން. ކިހާ ދުވަހެއްފަހުން މިގެއަށް އެއައީ. ސައިފް ބުނި މިހާރު މާލެ އައިސް އުޅޭތާ ހަފްތާއެއް ވެއްޖޭ، އެކަމަކު މިގެއަށް ވަދެލާނެމޭވެސް މިދަރި ހިތަށް ނާރާ ވިއްޔަ“ ހިނިއައިސްފައި އުމޭރާ ބުނެލިއެވެ.
”ރަނގަޅީވެސް މިގެއަށް ނައިސް ހުރިއްޔާ. ހުއް“ ތުންއަނބުރައިލަމުން ހަމައެކަނި އަމިއްލަ ނަފުސަށް އަޑުއިވޭވަރަށް މަނާލް ބުނެލިއެވެ. އަދި އަވަސް އަވަހަށް ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. މަނާލްއަށް ބަލަންހުރި އަކްރަމްއަށް ހިންދިރުވައިލެވުނެވެ. ސައިފްއާ އެކުގައި ސޯފާގައި އިނށީނުމުގެ ބަދަލު، ފެންފޮދެއް ބޯލުމުގެ ބަހަނާގައި އޭނާ މިސްރާބުޖެހީ މަނާލް ފަހަތުން ބަދިގެއާ ދިމާއަށެވެ. އެހައި ދުވަސްފަހުން މަނާލް ފެނުނީތީ ދުރުގައި އޭނާއަށް ކެތްކުރަން ދަތިވީއެވެ. މަނާލް ނުރުހުނަސް ހެޔޮކަމަށް އޭނާގެ ފަހަތުން އައީ އެހެންވެއެވެ.
ކޮފީ ތައްޔާރުކުރަންހުރި މަނާލް ސިހުނީ ފަހަތުން މީހަކު ކަރުކެހިލިއަޑު އިވިފައެވެ. ފަސްއެނބުރި ބަލައިލިއިރު ފެނުނު ސޫރައިން ދެބުމަގޮށްޖަހައިލަމުން އޭނާ މޫނު ކުނިކޮށްލިއެވެ.
”ކީއްކުރަން މިތަނަށް ތިއައީ“ ހިތްހަމަނުޖެހިފައި މަނާލް އެއްސެވެ.
”ތި ސޫރަ ދެކިލާހިތުން ހަމަ ކެތްނުވީ“ އައިސްއަލަމާރީގައި ލެގިލަމުން، ފުންނަޒަރަކުން މަނާލްއަށް ބަލައިލައިފައި އަކްރަމް ބުންޏެވެ.
”ކަލޭ ނުޖެހޭނެ އަހަރެންގެ ސޫރަ ދެކޭހިތުން އުޅޭކަށް. ކައިވެނިކުރަން އާއިލާއިން ހޯދާފަ ހުރި މީހާގެ ސޫރަބަލަން ދިޔައީމަވީނު، ވަރަށް ފޫހިވޭ“ ތުންފިއްތައިލަމުން މަނާލް ބުނެލިއެވެ. އެއަޑުއިވިފައި އަކްރަމްގެ ތުންފަތަށްވެރިވީ ލާނެތް ހިނިތުންވުމެކެވެ. މަނާލްގެ ޅަ ކަމާއިމެދުގައި އޭނާއަށް ވިސްނައިލެވުނެވެ.
”އަހަރެން ބޭނުންވަންޏާ ތި ގޮތްވެސް އެބައޮތް. އެކަމަކު ކީއްކުރާނީ، މި ހިތް އެދެނީ ހަމައެކަނި ތި ސޫރަ ދުށުމަށް“ އެހުރިގޮތަށްހުރެ އަކްރަމް ބުނެލިއެވެ. އެއާއެކު އަކްރަމްއާ ކުރިމަތިލަމުން މަނާލް ދަތްކުނޑިވިކައިގަތެވެ.
”ކަލެއަށް އެންމެ އަންހެނަކުންވެސް ނުފުދޭ ދޯ. ފެނުނިއްޔާ ފެންނަހާ މީހަކަށް ތިހިތް ކިޔާނެ“
”ތީ ދޮގެއް. އަދިވެސް އަހަރެންގެ ހިތް ކިޔާ ހަމައެކަނި ސޫރަ އަކީ ތީ“
”އެހެންވެގެން ދޯ އާއިލާއިން އެދޭއިރަށް އެހާ ފަސޭހައިން އަހަރެން ދޫކޮށްލާފަ ދިޔައީ“ ކުއްލިއަކަށް މަނާލްގެ އަޑުގައި ހިތްދަތިކަން އެކުލެވުނެވެ. އެތައް ދުވަހެއްވަންދެން ހިތުގައި ފޮރުވައިގެންހުރި ޝަކުވާތައް ކުއްލިއަކަށް ދުލުން ބޭރުވީއެވެ.
”އެއީ ކުރިންނެއްނު، މިހާރު ހުރިހާ ކަމެއްވެސް ބަދަލުވެއްޖެ. އަދިވެސް އަހަރެން ލޯބިވެޔޭ ބުނެފިއްޔާ“ މަނާލްއާ ގާތަށް ޖެހިލަމުން މަޑުމަޑުން އަކްރަމް ބުނެލިއެވެ. އޭރު އެތޫނު ނަޒަރުވީ ރަތްވަމުންދިޔަ މަނާލްގެ މޫނަށް ހުއްޓިފައެވެ.
-ނުނިމޭ-