ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުން އެ ޕާޓީން ވަކިވެ ކުރިއަށް އޮތް ދުވަސްތަކުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ގުޅުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމަށް މިއަދު މަޖިލީހުގައި ކުރެވުނު ބަހުސްގެ ތެރެއިން ބައެއް މެންބަރުން ފަހަގަ ކުރެއްވި ނުކުތާތަކަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިވަގުތު މަޖިލީހުގެ މަސައްކަތް ފެށޭނެ ގޮތެއް ހޯދަން ޖެހޭކަމަށެވެ.
އެކަން ކުރުމަށްޓަކައި ހުރި ކަންކަން ދޫކޮށްލާފައި ވެސް މަޖިލިސް ކޮމެޓީތައް އެކުލަވާލަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލިސްގެ ކަންކަން ބަދަލުވެގެން ދަނީ ވަރަށް ބާރަށް ކަމަށާއި ޚާއްސަކޮށް މެންބަރުން ޕާޓީ ބަދަލު ކުރުމާއި މިއޮތް ސިޔާސީ އޮއިވަރުގެ ތެރޭގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމްއާއި ގުޅުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”ވަރަށް ގިނަ ބަދަލު ކުއްލި ކުއްލިއަށް ވަރަށް އަވަސް އަވަހަށް އެބައާދޭ. ޑިމޮކްރެޓުން އެބޭފުޅުންގެ ޕާލިމަންޓްރީ ގްރޫޕެއް އެކުލަވާލާ ޕާލިމަންޓްރީ ލީޑަރެއް ހަމަޖެހި މި މަޖިލީހަށް އެމައުލޫމާތު ލިބެން އަދި ދުވަސްތަކެއް ހިނގާދާނެ. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ގޮތަކީ މިކޮމެޓީތައް މިވަގުތު އެކުލަވާލުން. މިހާރު އެކަން ކުރެވެން އޮތް ގޮތަކަށް. ދެން ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އެތައް މެމްބަރުންނެއް ޕީޕީއެމްއަށް ބަދަލު ވުމަކީވެސް އަދި ވަރަށް އެކަށީގެންވާ ކަމެއްކަން އަޅުގަނޑަށްވެސް ފާހަގަވޭ.“ ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސް ޞާލިހަށް ލިބުނު ވޯޓުގެ އަދަދު ވެސް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.