ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒާމިރުގެ ސިޓީގައި އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ.
ނަމަވެސް ޒާމިރު އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ކަމަށް ބެލެވެއެވެ.
އިސްތިއުފާގެ ސިޓީއާއެކު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޒާމިރު ވިދާޅުވީ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށެވެ.
”މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު. އެހެންވެ އަޅުގަނޑު މަގާމުން އިސްތިއުފާ ދީފިން.“ ޒާމިރު ވިދާޅުވިއެވެ.