އިނގިރޭސި ވިލާތުގެ ލަންޑަނުގައި ލިސްޓުކޮށްފައިވާ ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ (އޭޒެޑްއެން) ގެ ހިއްސާ މިދިޔަ ހޯމަ ދުވަހު 4 އިންސައްތައަށްވުރެ ދަށަށް ގޮސް، ޖުލައި 19 ގެ ފަހުން އެންމެ ދަށަށް ހިނގައްޖެއެވެ.
ތިން އެނަލިސްޓުންނާއި އެސްޓްރަޒެނެކާގެ ހިއްސާދާރަކު ރޮއިޓާސް އަށް ބުނީ، އެ ކަމަށް އެމީހުން ސިފަކުރީ މެއިލް އޮން ސަންޑޭ ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ކަމަށާއި، ބޭސް އުފައްދާ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޕާސްކަލް ސޮރިއޮޓް، އަންނަ އަހަރުގެ ތެރޭގައި ކުންފުނި ދޫކޮށްދާނެ ކަމަށް ރަހުމަތްތެރިންނާއި އެޑްވައިޒަރުންކާރީ ސިއްރުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް ރޮއިޓާސް އަށް އެ މައުލޫމާތު ތައް މިނިވަންކަމާ އެކު ކަށަވަރު ކޮށްދެވިފައެއް ނުވެ އެވެ.
ނަމަވެސް އެސްޓްރަޒެނެކާގެ ތަރުޖަމާނަކު ވަނީ މި ރިޕޯޓާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ޓައިމްސް ނޫހުގައި ހޯމަ ދުވަހު ޝާއިއުކުރި ލިޔުމަކުން ހިއްސާއަށް އަސަރުކޮށްފާނެ ކަމަށް ދެ އެނަލިސްޓުންނާއި ހިއްސާދާރު ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ޓައިމްސްގެ ލިޔުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެސްޓްރާޒެނެކާގެ ބަޔޯފާމަސޫޓިކަލްސް ހެޑް އޮފް ރިސާޗްގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި މެނޭ ޕަންގަލޯސް ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން ނެވެ.
އޭގައި ޕަންގަލޯސް އާ ހަވާލާދީ ބުނެފައި ވަނީ ޕާސްކަލް އަށް ވުރެ ގިނަ އަހަރުތަކެއް ކުރިއަށް ގޮސްފައިވާ ކަމަށާއި އޭނާ މަސައްކަތް ކުރަނީ 2012 ވަނަ އަހަރު އޭނާއާ އެންމެ ފުރަތަމަ ބައްދަލުވި އިރު ވެސް އޭނާ މަސައްކަތް ކުރި ފަދައިން ބުރަ ކޮށް އަދި ހަރުކަށިކޮށް ކަމަށެވެ.