ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިރޭ އިންޑިޔާ ކޮމިޝަނަރާއި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެ ބައްދަލުވުމަކީ ސިޔާސީ ވާހަކައެއް ދެއްކުމަށް ނުވަތަ ކޯލިޝަން ހެދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެއް ނޫން ކަމަށެވެ.
2 ވަނަ ބުރުގައި ރައީސް ޞާލިހާއެކު ކޯލިޝަން ހައްދަވާފާނަންތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ އެމްޑީޕީ އާއި ޕީޕީއެމާއި ވެސް ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ ރައީސް ޞާލިހާއެކު ވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ނަޝީދު އެ ފަދައިން މިރޭ ވިދާޅުވެފައި މި ވަނީ ރައީސް ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ ގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރި އެމްޑީޕީ މަޖިލިސް މެންބަރުންގެ ސޮއި އަންބުރާ ނަންގަވާފައި ވަނިކޮށެވެ.