ވެރިކަމަށް ވަޑައިގެންފި ނަމަ މާލެ އިން ޖާގަ އުފައްދައި ޒުވާނުންނަށްޓަކައި ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު ވިދާޅުވީ މާލޭގައި ބިމުގެ ޖާގައިގެ ދަތިކަން ބޮޑު ނަމަވެސް ފުޓްސަލް ދަނޑާއި ނެޓްބޯޅަ ދަނޑާއި ހޭންޑް ބޯޅަ ކޯޓު ފަދަ ތަންތަން އަޅަން ހުރި ނަމަވެސް އެކަށީގެންވާ ވަރަށް އެފަދަ ކޯޓުތައް އެޅިފައި ނުވާ ކަމަށެވެ.
މާލޭގައި ސަރުކާރުގެ ކުންފުނިތަކުގެ 19 ވަރަކަށް ބިންތައް ހިފަހައްޓާފައިވާ އިރު އިންޑަސްޓްރިއަލް ޒޯނަށް ބިންތައް ބަދަލު ކުރަން ކުރީގެ ރައީސް ޔާމީން ވެރިކަމުގައި އެއްބަސްވުންތައް ހަދައި ބިން ވެސް ކަނޑައެޅި ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
އެކަމަކު ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިއުމުން އެކަން ތަންފީޒުވެގެން ނުދިޔަ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
”އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ މިހެން ކިއާނެ ކަމެއް ނެތް މާލޭގައި ބިންތައް ހުރި ކުންފުނިތަކުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުވާ ގޮތަށް ބިން ވެސް ދީފައި އެގްރީމަންޓް ވެސް ހަދާފައި ހުންނާނީ މާލެ ތެރޭގެ ކޮށިތައް ދޫކޮށްލައި އެތަނަށް ބަދަލުވެ ހައިރައިޒް މަލްޓި ސްޓޯރީ ވެއާ ހައުސް ބިލްޑިން ވިއްޔާ، ވެއާ ހައުސް ބިލްޑިންތަކެއް އަޅާފައި އެތަނަށް ކުންފުނިތަކުން ބަދަލު ކުރާ ގޮތަށް. ބަދަލު ކުރަން މުއްދަތެއް ހަމަޖައްސައި އެގްރީމަންޓް ކުރީ،“ ޑރ.މުއިއްޒު ވިދާޅުވިއެވެ.
ޑރ.މުއިއްޒު ވިދާޅުވި ރައީސް ޔާމީންގެ ވެރިކަމުގައި ކޮންމެ ކުންފުންޏެއްގެ ވެރިން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވާނެ ކަމަށާއި މާލެ ތެރެއިން މިހެން ހުރި ބިންތައް ހުސްވެގެން ދިއުމުން އެ ލިބެނީ ވަރަށް ބޮޑު ޖާގައެއް ކަމަށެވެ.
އެ ބިންތައް ބޭނުންކޮށްގެން މާލެ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތައް ގެނެސް މިހެން ހުރި ބިންތައް ބޭނުންކޮށްގެން ކުޅިވަރުތަކަށް ބޭނުންވާ ޖާގަތައް އުފެދިގެންދާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.