ދިވެހި ސިފައިންގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ ވާހަކަ ނުފަތުރަން އެމްއެންޑީއެފުން އެދިއްޖެއެވެ.
އެމްއެންޑީއެފުން މިރޭ މިހެން ބުނީ ”ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސިފައިންގެ އިސްވެރިން ދެކޮޅު ހަދަނީ“ މި ސުރުހީގެ ދަށުން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ”ދިޔަރެސް“ ނޫހުން އާންމުކުރި ލިޔުމަކާ ގުޅިގެންނެވެ.
އެގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިފައިންގެ ލީޑަޝިޕްގެ ބޭފުޅުންނާ ބެހޭ ގޮތުން ”ދިޔަރެސް“ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.
ސިފައިން އަބަދުވެސް ތިބޭނީ ޤާނޫނާއި ޤަވައިދުތަކަށް ފުރިހަމަ އަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސް އާ އެއްގޮތަށް އަމަލު ކުރާ ބައެއްގެ ގޮތުގައި ކަމަށާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދިފާއުކޮށް ރައްކާތެރި ކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެ ކަމަށް ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ސިފައިން ނުދޭނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެއްވެސް މަޤްޞަދެއްގައި ސިފައިންގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ނުވަތަ ސިފައިންގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހިކަމަށް ކިލަނބުކަން ލިބޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ އިލްތިމާސްކޮށްފައެވެ.