ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު ހަރުދަނާކަމާއެކު ކުރިއަށް ގެންދިޔުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިލެކްޝަންސް ކޮމިޝަނަށް ކަންތައްތަކެއް ހުށަހަޅައިފިއެވެ.
އެ ޖަމިއްޔާގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވަނީ އިންތިހާބުގެ ކަންތައްތައް 2 ވަނަ ބުރުގައި ރަނގަޅު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށާއި އެ ކޮމިޝަނުގައި ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަނު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބުގެ 2 ވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ އޮފިޝަލުންނަށްވެސް ލިބެންޖެހޭ ތަމްރީނާއި އިރުޝާދުތައް ދިނުމަށް އޭނާ ވަނީ އެދިފައެވެ. އެ ކަމަކީ އިންތިހާބުގެ ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވެސް އަމަލުކުރާ އުސޫލުތައް އެއް ހަމައަކުން ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.
ވޯޓުލާ މީހުން ވޯޓު ކަރުދާހުގައި ފާހަގަޖަހާ ވަގުތު މޮނިޓަރުންނަށް ފޮޓޯ އަދި ވީޑީއޯ ނުނަގާކަން ކަށަވަރު ކުރުން ހިމެނޭ ކަމަށް ޓްރާންސްޕޭރަންސީން ވެސް ބުނެފައިވެއެވެ.
ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހާ ބޫތާއި އެމަރުކަޒުތަކުގައި ތިބޭ އޮބްޒާވަރުންނާއި ދެމެދުގައި އެކަށީގެންވާ ޖާގަ ލިބިފައިނުވާ ވޯޓުލާ މަރުކަޒުތައް އެހެން ތަނަކަށް ބަދަލު ކުރަންޖެހޭކަން ޓްރާންސްޕޭރަންސީން ވަނީ ފާހަގަކޮށްފައެވެ.