ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ސަބަބުތައް ދެނެގަނެވިފައިވާ ކަމަށާއި އެކަންކަން ރަނގަޅުކޮށް 2 ވަނަ ބުރު ކާމިޔާބު ކުރުމަށް ކެމްޕޭނަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމަށް ފަހު ރައީސް ވިދާޅުވީ އަލުން ކެމްޕޭން ފެށުމަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށެއެވެ.
ކެމްޕޭންގެ ތެރެއިން ހެދިފައިވާ ގޯސްތައް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވެ ރައީސް ވަނީ އޭގެ ތެރެއިން އެއް ކަމަކީ ދާއިރާތައް ބެހުމުގައި މާ ބޮޑުކޮށް މީހުންނާ ހަވާލުކުުރުން ކަމަށް ފާހަގަކުރައްވާފައެވެ.
2 ވަނަ ބުރަކަށް ނުކުންނަ އިރު މިހާރު ވެސް 1 ވަނައިގައި އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާއި އެއްވަރުކުރަން ވެސް 15,000 އަށްވުރެ ގިނަ ވޯޓު ރައީސް ޞާލިހު ހޯއްދަވަން ޖެހެއެވެ.