ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވުމާއި ގުޅިގެން ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން އެކަން ދޮގުކުރައްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ޗެއާޕާސަން ފައްޔާޒު ވިދާޅުވީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ރައީސް ނަޝީދު ހިމެނޭހެން މަޝްވަރާތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އަދި ރައީސް ނަޝީދާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ފައްޔާޒު ވިދާޅުވުމާ ގުޅިގެން ޑިމޮކްރެޓުންގެ ބައެއް އިސް ބޭފުޅުން ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
ފައްޔާޒު ވިދާޅުވާ ފަދަ މަޝްވަރާއެއް އެމްޑީޕީއާ އެކު އަދި މިހާތަނަށް ކުރިއަށް ނުދާ ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއާ އެކު ކުރިއަށްދާން ނިންމި ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ވޯޓު ނުދޭނެ ކަމަށް ޑިމޮކްރެޓުންގެ ބައެއް އާންމުން ވެސް ގެންދަނީ ބުނަމުންނެވެ.