ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ޕީޕީއެމް/ޕީއެންސީގެ ޝައުގުވެރިކަމެއް ނެތް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި 08 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ ގިނަ ވޯޓު ހޯއްދެވިފައިނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. އެގޮތުން ސެޕްޓެމްބަރު 30 ގައި އޮންނަ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުން ކަމަށްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑރ.މުޢިއްޒަށް ލިބިވަޑައިގަތީ 101613 (%46.06) ވޯޓެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 86151 (%39.05) ވޯޓެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޚާއްސަ ރެލީގައި ޑރ.މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް އެހެން ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވައިފައެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅަކު މިއަދު ”ދިޑެއިލީ“ އަށް މައުލޫމާތު ދެއްވި ގޮތުގައި ދެވަނަ ބުރުގައި ޖޭޕީއާއެކުގައި މަސައްކަތް ކުރުމަށް އެ ކޯލިޝަންގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
”އަސްލު ޖޭޕީއާ ކޯލިޝަން ހެދުމުގެ އިންޓްރެސްޓެއް ނެތް. ޖޭޕީގަ ޕޮލިޓިކަލް ވެއިޓޭޖެއް އަސްލު ނެތް. ދެން އޭނަ [ޤާސިމް] އަންނަނީ ކިންގްމޭކާރ އޭ ކިޔާފައި. މަޖިލީހުގެ އެންމެ ވަރުގަދަ ގޮނޑިތައް ދީފަ ކެބިނެޓްގެ ދެބައިކުޅަ އެއްބައިދީފަ އެއާޕޯޓު ދީފަ މިތާ އޮތީޔާ އޮތް ރަށެއް ދީފަ އެ ހުރިހާ ކަމެއް ކިހިނެއް ކުރާނީ. ކޮށްފަ ކިހިނެއް ގައުމު ހިންގާނީ.“ އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީން ދެވަނަ ބުރުގައި ޖޭޕީއާއެކު ކޯލިޝަން ނުހެދުމަށް މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަންގަވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން މިއަދު ވަނީ ޚަބަރު ވެސް ފަތުރައިފައެވެ.
ސެޕްޓެމްބަރު 09 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ޤާސިމަށް ލިބިވަޑައިގަތީ ވަރަށް ވެސް ލަދުވެތި ނަތީޖާއެކެވެ. ޖޭޕީގައި 22,000 އަށްވުރެ ގިނަ މެންބަރުން ތިބިއިރު 6,000 ވޯޓު ވެސް ހަމަނުވެއެވެ.