ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދަތުރުކޮށްފައިވާއިރު އެއްވެސް ބަޔަކާއެކު ކޯލިޝަން ހެދުމަށް ނުވަތަ ނުހެދުމަށް ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން އަންގަވާފައި ނެތް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީޕީއެމް އިން މިހެން ބުނެފައި ވަނީ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހަދަން ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ އަށް އިއްޔެ އަންގަވާފައި ވާކަމަށް ބުނެ
މިއަދު ބައެއް ނޫސްތަކުގައި ދައުރުވަމުންދިޔަ ޚަބަރަކާއި ގުޅިގެން ދި ޑެއިލީ އަށް މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
އެގޮތުން މިކަން ހާމަކޮށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކްރެޓެރީ ޖެނެރަލް މުހައްމަދު ޠަލާލް ވިދާޅުވީ އެއްވެސް ސިޔާސީ ފަރާތަކާއެކު ކޯލިޝަން ނެހެދުމަށް ރައީސް ޔާމީން އަންގަވާފައި ނެތް ކަމަށެވެ.
ހަމަ އެހެންެމެ ކޯލިޝަން ހެދުމަށް ބޭނުންވާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް އެއްވެސް ހުރަހެއްނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު ރޭ ވިދާޅުވެފައިވާ ކަމަށްވެސް ޠަލާލް ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގައި މިހާރު އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންގެ ތެރޭގައި ޔާމީނާ އެކު ޕީޕީއެމްގައި ވަރަށް އިސްކޮށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ. މިގޮތުން އަހުމަދު ނިހާނާއި އިލްހާމް އަހުމަދާއި ރިޔާޒް ރަޝީދާއި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.