މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން ގެންދާ ކަމަށާއި ވަރަށް އަވަހަށް ގޮތެއް ނިންމައި އިއުލާން ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި ގާސިމަށް ލިބިލެއްވީ މީގެ ކުރިން އިންތިހާބެއްގައި ނުލިބޭވަރުގެ ދަށް ނަތީޖާ އެކެވެ. އެގޮތުން އޭނާއަށް ލިބިލެއްވީ 5،460 ވޯޓެވެ. މިއީ ޖުމްލަ ވޯޓު ލީ މީހުންގެ 2.47 އިންސައްތަ އެވެ. މީގެ ކުރިން އިންތިހާބުތަކުގައި އަބަދުވެސް ތިންވަނަ ހޯދާ ޖޭޕީއަށް މިފަހަރު ލިބުނީ ފަސްވަނަ އެވެ.
ޖޭޕީން ބުނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ވޯޓުދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކާމިޔާބުވި ދެ ކެނޑިޑޭޓުންނަށްވެސް މަރުހަބާ ދަންނަވާކަމަށް ޖޭޕީން ބުންޏެވެ.
ޖޭޕީއިން ބުނެފައިވަނީ ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ގައުމުގެ އިސްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
”ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިގްތިސޯދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެ ޕާޓީ ދެމިއޮންނާނޭ ކަމުގައި ދަންނަވަން އަދި މިވަގުތު ގައުމުގެ މަސްލަހަތަށްޓަކައި އިންތިހާބުގެ ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިއުލާން ކުރާން.“ ޖޭޕީން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީއަށް ލިބިފައިވަނީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންނެވެ. ރޭ ބޭއްވި ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް ޑރ. މުއިއްޒު ކޯލިޝަން ހެދުމުގެ ދައުވަތު ނުރަސްމީކޮށް ދެއްވި ނަމަވެސް ރަސްމީކޮށް އެފަދަ އެއްވެސް ދައުވަތެއް ޖޭޕީއަށް އަރުވާފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.