މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުރުން، މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންވެސް ކޯލިޝަން ހެދުމުގެ ދައުވަތު ލިބިފައިވާ ކަމަށް ފާރިސް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސްއަށް ލިބިލެއްވީ 2،979 ވޯޓެވެ. މިއީ ޖުމްލަ ވޯޓު ލީ މީހުންގެ 1.39 އިންސައްތަ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ގާނޫނުގައި ބުނާ އަދަދަށް އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ނުލިބުމުން އެންމެ ގިނަ ވޯޓު ލިބުނު ދެ ކެނޑިޑޭޓުންނާއިއެކު ދެވަނަ ބުރަކަށް ދާން ޖެހިފައިވާއިރު ދެ ކެނޑިޑޭޓުންވެސް ގެންދަވަނީ ކޯލިޝަން ހެދުމުގެ ދައުވަތު އެކި ފަރާތްތަކަށް ދެމުންނެވެ. އެމްޑީޕީން ރައީސް ޞާލިހާއިއެކު ކޯލިޝަން ހެދުމުގެ ދައުވަތު ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެނޑިޑޭޓުންނަށް ދީފައިވެ އެވެ. ޕީޕީއެމް-ޕީއެންސީން ޑރ. މުއިއްޒުއާއިއެކު ކޯލިޝަން ހެދުމުގެ ދައުވަތު މިހާތަނަށް ދީފައިވަނީ މަދު ފަރާތަކަށެވެ.
ފާރިސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ރައީސް ޞާލިހާއި ޑރ. މުއިއްޒުގެ ފަރާތުންވެސް ދައުވަތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާއިމެދު ގޮތެއް ނިންމަން މަޝްވަރާ ކުރަމުން ދާކަމަށާއި ގޮތެއް ނިމުމުން އާންމުކޮށް އިއުލާން ކުރާނެ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނީ އިދިކޮޅު ކެނޑިޑޭޓު މުއިއްޒު އަށެވެ. އެއީ 101،913 ވޯޓާއިއެކު ޖުމްލަ ވޯޓު ލީ މީހުންގެ 46.06 އިންސައްތަ އެވެ. ރައީސް ޞާލިހަށް ލިބިވަޑައިގެންނެވީ 86،151 ވޯޓާއިއެކު ޖުމްލަ ވޯޓު ލީ މީހުންގެ 39.05 އިންސައްތަ އެވެ.