ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަތައް ބާތިލުކުރެވޭ އަދަަދަށް މެންބަރުންގެ ސޮއިހަމަކޮށް އެ މައްސަލަތައް އަނބުރާ ގެންގޮސްފިއެވެ.
ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ މިއަދަށް އެޖެންޑާކޮށްފައި ވަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރޭ ވަނީ ނަޝީދުގެ މައްސަލައިގެ އިތުރުން އީވާގެ މައްސަލަ އަނބުރާ ގެންދަން ނިންމާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ހާމަކުރި ގޮތުގައި އެ ދެ މައްސަލާގައި ސޮއިކުރެއްވި 33 މެންބަރުން ވަނީ ސޮއި އަނބުރާ ގެންދަވައިފައެވެ.
އެހެންވެ އެ މައްސަލަތައް ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުން ވަނީ ނިންމާފައެވެ.