ހަވަނަ ބައި
”ސައިފް“ ކޮނޑުގައި އަތް ޖަހައިލަމުން ސައިފްގެ އެކުވެރިޔާ ގޮވައިލި އަޑަށް އޭނާއަށް ލިބުނީ ސިހުމެވެ. އަމިއްލަ ޚިޔާލުތަކުން ދުރުވެ ހަމަބިމަށް އާދެވުނީ ދެނެވެ. ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލަން ހުރި އަކްރަމްއަށް ނަޒަރެއް ދެމުން ސައިފް ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތްކުރާ ފަދައިންނެވެ. ސައިފްގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރަށް ބަލަން ހުރެ އަކްރަމް ނިތް އަރުވައިލީ ވީގޮތެއް އޮޅުންފިލުވުމުގެ ގޮތުންނެވެ. ނަމަވެސް ބަހެއް ނުބުނެ ސައިފް ދެފަރާތަށް ބޯހޫރައިލީއެވެ. އެގޮތް އަކްރަމްއަށް ކަމަކު ނުދިޔައެވެ. ސައިފްގެ ކޮނޑުގައި އަތްޖަހައިލަމުން ދާން އަންނާށޭ އޭނާ ބުނެލިއެވެ. އެއްޗެއް ނުބުންޏެއްކަމަކު އަކްރަމްއާ އެކީގައި ސައިފް ހިނގައިގަތެވެ. އަދިވެސް އެއްފަހަރު ދަހާ އުޅޭ ގެއަށް އޭނާއަށް ބަލައިލެވުނީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. ސިކުނޑި ހާސްވެފައިވީ ނަމަވެސް ހަދާނެ ގޮތެއް ނުވިސްނިގެން އޭނާ އުޅޭ ކަހަލައެވެ.
”ތިވެގެން އުޅޭ ގޮތެއް ބުނެބަލަ. އޭރަށެއްނު އަހަންނަށްވެސް އެހީއެއް ވެވޭނީ. އެއީ ކޮންއަންހެންކުއްޖެއްތަ؟ ސައިފް ދަންނަ ކުއްޖަކީތަ؟“ ސައިފްގެ ފުށުން އެއްޗެއް އޮޅުންފިލުވުމުގެ ނިޔަތުގައި އަކްރަމް އެއްސެވެ. އެއާއެކު ދެފަރާތަކަށް ސައިފް ބޯހޫރައިލީއެވެ.
”ދެން ކީއްވެ އެކުއްޖާ އެހާލުގަ ފެނިގެން ސައިފްއަށް ތިހާ ބޮޑު ޝޮކެއް ލިބިގެން ތިއުޅެނީ؟ ސީރިއަސްކޮށް ބުނެބަލަ، ސައިފް އެކުއްޖާއާމެދު ގަޔާވަނީތަ؟“ ސައިފްގެ ހަމަހިމޭންކަން ނައްތައިލެވޭތޯ އަކްރަމް އުޅޭ ކަހަލައެވެ. ”މިވަގުތަކު ނޫން. ފަހުން ތިވާހަކަ ދައްކާނީ“ ޖިންސްގެ ޖީބަށް އަތްޖަހައިލަމުން ސައިފް އިސްޖަހައިލިއެވެ. ހަގީގަތުގައިވެސް ދަހާގެ ވާހަކަ އިތުރު މީހެއް ގާތުގައި ދައްކާން އޭނާ އަދި ބޭނުންނުވަނީއެވެ. އަކްރަމް އެ ސިފަކުރާފަދަ އެއްވެސް އިހުސާސެއް އޭނާގެ ހިތުގައި ދަހާއާ މެދުގައި ނުވެއެވެ. ނަމަވެސް ދަހާގެ ހާލާއިމެދު އޭނާއަށް ހަމްދަރުދީ ވެވެނީއެވެ. ކީއްވެކަން ނުވިސްނުނަސް ދަހާއަށް ކޮންމެވެސް ގޮތަކުން އެހީވާން ބޭނުންވަނީއެވެ. އެކި ފިކުރުތަކުން ސިކުނޑިއަށް ބާރުވާން ފެށުމާއެކު ނިތުގައި ސައިފްއަށް އަތްހިންގައިލެވުނެވެ.
* * * * *
އެނދުމަތީގައި އިން މަލަކާގެ މޫނުގައިވީ ނުރުހުމުގެ އަސަރެވެ. އޭނާއާ ކުރިމަތިވާނޭހެން އިން ޒަރީރުވެސް އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ކަމަކާމެދުގައި ވަރަށް ބޮޑަށް ފިކުރުކުރާކަން ދޭތެރަކުން ޒަރީރުގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުން ހެކިދެއެވެ.
”މީ ހަމަ ހައްތާވެސް ޒަރީރުގެ ކަންތައް، އޭނާއަށް ފާޑުފާޑުގެ އެއްޗެހި ބޯންދޭން ވެއްޖެ ވިއްޔަ. ބަލާބަލަ މިހާރު އެއަންހެނާ ހުރި ވައްތަރު. އެ ސިފާގަ އޭނަ ހުއްޓަ އަހަރުމެންނަށް ކޮން ކަސްޓަމަރުންނެއްތަ ލިބޭނީ؟ ކަމެއް ކުރުމުގެ ކުރިން ޒަރީރު ވެސް ވިސްނައެއް ނުލާނެވިއްޔަ“ ހިތްހަމަނުޖެހިފައި ޒަރީރުއަށް މަލަކާ ބަލައިލިއެވެ. އޭނާގެ އަޑުގައިވެސްވީ ރުންކުރު ކަމެވެ.
”އަހަންނަށް އެބަ އެނގޭތަ އޭނަ ބޮޑު އެޑިކްޓަކަށް ބަދަލުވެދާނެކަމެއް. އަހަރެމެންގެ މަސައްކަތައް ވެސް ފަސޭހަވާނޭ ހިތައޭ އެހެން ކަންތައްކުރީ. ކުޑަކޮށްވެސް ހިއެއް ނުކުރަން މިހެންވެދާނެ ކަމަކަށް“
”ޒަރީރު ވެއްޖެއެއްނު ދެން ތިދޭ އެއްޗެހިތަކެއް ދިނުން ހުއްޓާލަން“
”ބަލަ އަހަރެން ދީގެނެއް ނޫނޭ އޭނާ މިހާރު ބޭނުންކުރަނީކީ. އަހަންނަކަށް ވެސް ނޭނގެ އޭނާ އެއެއްޗެހިތަކެއް ހޯދަނީ ކޮންތާކުން ކަމެއް“ ދަތްކުނޑި ވިކައިލަމުން ޒަރީރު ބުނެލިއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން މަލަކާ ނިތުގައި އަތްހިންގައިލިއެވެ.
”މަލް ކަންބޮޑު ނުވެބަލަ، އަހަރެން ވެސް މަލްއަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނެއްނު. އަހަރެމެންނަށް ފައިސާ ލިބޭނެ އެހެން ގޮތެއް އަހަރެން ހޯދާނަމޭ. އަހަންނަށް އިތުބާރުކޮށްބަލަ“ މަލަކާގެ އަތުގައި ހިފަމުން ޒަރީރު ބުނެލީ އާދޭސްކުރާ ފަދައަކުންނެވެ. ”އިތުރު ކޮންގޮތެއް، ވިސްނާ ވިސްނާ މިހާރު އަހަރެން ގޮތްހުސްވެއްޖެ“ ތުންފިއްތައިލަމުން މަލަކާ ފުންނޭވާއެއް ދޫކޮށްލިއެވެ.
”ދަހާ ދޫކޮށްލާފަ އެހެން ކުއްޖެއް ގެންނަމާ، ބޭރު ޤައުމަކުން ގެނައުން ކިހިނެއްވާނެ، މިހާރު އަހަރުމެންނަށްވެސް މި ވިޔަފާރި ފުޅާކުރެވެން އެބަ އޮތެއްނު. ބޭރު ތަންތަނުން ގެންނަކުދިން މާ ރަނގަޅުވާނެ. އަނެއްކާ ޑީމާންޑް ވެސް މާ ބޮޑުވާނެ“ ހިނިއައިސްފައި ޒަރީރު މަލަކާއަށް ބަލައިލަމުން ނިތްއަރުވައިލިއެވެ. އިރުކޮޅަކު ޒަރީރުގެ މޫނަށް ބަލަން އިން މަލަކާގެ ތުންފަތްވެސް މަޑުމަޑުން ދެފަރާތަށް ދެމިލިއެވެ. އެޚިޔާލު އޭނާއަށް ވެސް ކަމުދިޔައީއެވެ. ދަހާ ގޮވައިގެން އެހާލެއްގައި ތެޅެންވެއްޖެނަމަ އޭނާ މުޅިން ބަނގުރޫޓުވެދާނެއެވެ. ލިބެމުންދިޔަ ފައިސާތައް ގެއްލި ނިކަމެތި ހާލަތަކަށް ދިރިއުޅުން ވެއްޓޭކަށް އޭނާއަކަށް ނުރުހެވޭނެއެވެ. އެހައި ފަސޭހައިން ޒަރީރުގެ ވާހަކަތަކަށް އޭނާއަށް އެއްބަސްވެވުނީ އެހެންވެއެވެ. ޒަރީރުއާ ކައިވެނި ކުރިފަހުން އުޅެވެމުންދިޔަ މުއްސަނދި ދިރިއުޅުމަށް އޭނާވީ ހޭނިފައެވެ. ދެން އެ މުއްސަނދިކަމާނުލައި އެންމެ ހިނދުކޮޅަކުވެސް އޭނާއަކަށް ކެތެއްނުކުރެވޭނެއެވެ. ބަނޑުއަޅައިވިހެއި އަމިއްލަ ދަރި ދޫކޮށްލަން ޖެހުނަސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ދަހާއަށް ވެސް ދެން އެންމެ ރަނގަޅުވާނީ އެގޮތެވެ. ދަހާ އުޅެމުންދިޔަ ގޮތުން، ސިއްރުން އެމީހުން ކުރަމުންދިޔަ ވިޔަފާރި ފަޅައިއަރައިފާނެތީ ވެސް މަލަކާ ހުންނަނީ ކަންބޮޑުވެފައެވެ. އެކަމަށްވެސް އެންމެ ފަހުން ހައްލެއް ލިބުނީއެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. ދަހާ ފެނުނުފަހުން ދެ ދުވަސް ފާއިތުވެ ދިޔައީއެވެ. އަދިވެސް އެ ފިކުރުތަކުން ސައިފްއަށް މިންޖެއް ނުވެވެއެވެ. އެނދުގައި އޮށޯވެލައިގެން ނިތުގައި އެއް އަތް ބާއްވައިލައިގެން އޭނާ އޮތީ އެފިކުރުގައެވެ. ދަހާ އެހިސާބަށް ދާން ޖެހުނީ ކީއްވެތޯ އަމިއްލަ ނަފުސާ ތަކުރާރުކޮށް އޭނާއަށް ހަމަ ސުވާލު ކުރެވެނީއެވެ. އަމިއްލަ އަށް މަރުވާން އުޅުމުން، އެކަމުން ސަލާމަތްކުރީތީ އެހެން ގޮތަކަށް ދިރިއުޅުން ބަރުބާދުކޮށްލަން ބޭނުންވީބާވައެވެ.
”މީހެއްގެ ލޯބި ބީވެގެން އެދަރަޖައަށް ގޮސްފާނެބާ؟ ނޫނީ.. އަނެއްކާ.. އަހަންނަށް ނޭނގޭ ކަންތައްގަނޑެއް މީގެ ތެރޭގަ ވަނީތަ؟ ދަހާ ހީވަނީ ފެންނަ ފެނުމަށް ވަރަށް ވިސްނޭ ކުއްޖެއްހެން. ފިރިހެން ކުއްޖަކު ހިތްހަލާކުކޮށްލިއަސް އެދަރަޖައަށް އޭނާ ގޮސްފާނެކަމަށް ގަބޫލުކުރަން އަހަންނަށް ހަމަ ދަތިވަނީ. ކީއްވެތަ؟ އަހަންނަށް ދަހާގެ ގޮތެއް މާ ރަނގަޅަކަށް ނޭނގޭ.. އެހެނަސް، އެހެނަސް އަހަރެންގެ ހިތްބުނަނީ ދަހާގެ ހާލަތުގެ ފަހަތުގަ ކޮންމެވެސް ސިއްރުތަކެއް ވެޔޭ. އަހަރެން ދަހާއަށް އެހީވާން ބޭނުން، އެކަމަކު ކިހިނެއް؟ ދަހާ އަހަރެންގެ އެހީ ގަބޫލުކޮށްފާނެތަ؟“ އަމިއްލަ ނަފުސާ އެތަކެއް ވާހަކަތަކެއް ދައްކަމުން ދިޔައިރު، އެ ވާހަކަތައް އިވެނީ ހަމައެކަނި ސައިފްގެ ކަންފަތަށެވެ. ކަންތައްކުރާނެ ގޮތަކާމެދުގައި އޭނާ ވިސްނަމުން ދިޔައެވެ. ކޮންމެވެސް ގޮތަކުން ދަހާއާ ބައްދަލުވެގެން ނޫނީ އޭނާ ބޭނުންވާ ވާހަކަތަކެއް ނުދެއްކޭނެއެވެ. ނަމަވެސް ދަހާ އެ ހުރި ހާލުން އޭނާގެ ވާހަކަތައް އަޑުއަހައިފާނެ ކަމާމެދުގައި ޝައްކެވެ. އެކަމަކު ހިތްވަރުއެލުވައި ލުމުގެ ނިޔަތެއް ސައިފްގެ ނެތެވެ. އޭނާ އަކީ ހިތުއަޅައިފިކަމެއް އަބަދުވެސް ކުރާ ޒުވާނެކެވެ. ކޮންމެވެސް އެއްގޮތަކުން ދަހާ އެދިރިއުޅުމުން އޭނާ ސަލާމަތް ކުރާނެއެވެ.
* * * * *
”މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް. ކަލެއާހެދި މިހާރު އަހަންނަށް މަގެއް މައްޗަށްވެސް ނުކުންނަން ދަތިވެއްޖޭ“ ސިޓިންގްރޫމް ސޯފާގައި އިނށީދެލައިގެން އިން ދަހާއާ ދިމާއަށް ކަޅިއަޅައިލަމުން މަލަކާ ހަޅޭއްލަވައި ގަތެވެ. ހަވީރު ސައި ބޯނެ އެއްޗެއް ގަންނަން ފިހާރައަށް ގޮސްފައި އައިއިރު، އޭނާގެ މޫޑު މާ ރަނގަޅެއް ނޫނެވެ. ގެ ކައިރިމީހުން ދަހާއޭ ކިޔައިގެން ދައްކަމުންދިޔަ ވާހަކަތައް އިވުމުން އޭނާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓީއެވެ. ދަހާގެ ސަބަބުން އަމިއްލަ އިއްޒަތާއި ޤަދަރު ވެއްޔާ މޮޑެވެމުންދާތަން ބަލަން އޭނާއަށް ކެތްނުވީއެވެ.
މަލަކާ ހަޅޭއްލަވައިގަތް އަޑު އިވުނަސް ދަހާގެ ފުށުން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. އެއިންގޮތަށް ބަލައިވެސްނުލައި އޭނާ އިނީއެވެ.
”އަދި އެބަ އިނެއްނު އަޅާވެސްނުލާ، ބަލަ ކަލެއާއޭ އަހަރެން ވާހަކަ މިދައްކަނީ. ބުނަން ދަހާ، ލައްކަ ދުވަހު ކަލޭގެ އުޅުން އިސްލާހުވާނެކަމަށް އަހަންނަށް ކެތްކުރެވިއްޖެ. ދެން އެންމެ ހިނދުކޮޅަކުވެސް ކެތެއްނުވާނެ. ހަމަ މިހާރު މިގެއިން ނުކުމޭ“ ދަހާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން މަލަކާ އަމުރުކޮށްލިއެވެ. މަލަކާގެ ވާހަކަތަކުން ދަހާއަށް ލިބުނީ ސިހުމެވެ. ދެލޯބޮޑުކޮށްލަމުން މަލަކާގެ މޫނަށް އޭނާއަށް ބަލައިލެވުނެވެ.
”އަހަރެން.. ވަކި ކޮންތާކަށްތަ ދާނީ. ޕްލީޒް މަންމާ އަހަންނަށް ތިހެން ނުހަދާ“ ހާސްކަން ދަހާގެ ނަފުސުވަށައިލުމާއެކު އޭނާއަށް އާދޭސްކޮށްލެވުނެވެ.
”އަހަންނަށް ވަރިހަމަ ކޮންމެތަނަކަށް ދިޔަސް. އަހަންނަށް އެނގޭ އެއްޗަކީ ދެން އެންމެ ހިނދުކޮޅަކުވެސް ދަހާއަށް މިގޭގަ ނުހުރެވޭނެކަން“
”އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން މިހާލަތައް ގެނައި ބަޔަކީ ހަމަ ތީ. މިއަދު މަންމައަކަށް މިކަމާމެދު އެއްވެސް އެއްޗެއް ބުނުމުގެ ހައްޤެއް ނޯންނާނެ“ ނުރުހިފައި ދަހާ ބުނެލިއެވެ. އޭނާއަށް އެހާލު ޖައްސައިފައި މަލަކާ އަދިވެސް އޭނާ ކުށްވެރިކުރަމުން ދިޔައީތީ އެކަން ބަލައިގަންނަން އުނދަގޫވީއެވެ.
”ބަލަ އަހަރެން ބުނިންތަ ބޮއެގެން މަގުމައްޗަށް ޖެހިފަ އޮންނާށޭ. ތީ ކަލޭ އަމިއްލައަށް އުޅޭ ވައްތަރެއް. ދެން ހެވޭ، މާ މޮޅެތި ވާހަކަދައްކަން ހަދާނެ ކަމެއްނެތް. މިބުނީނު މިގެއިން ނުކުންނާށޭ. ބަލަ ކިހިނެއްވެތަފަ ތިހުންނަނީ. ނުކުންނާށޭ“ ހުއްޓުންއަރައިފައި ހުރި ދަހާގެ އަތުގައި ހިފައި ދަމައިގަންނަމުން މަލަކާ ހަޅޭއްލަވައިގަތެވެ. ރޮވެމުންދިޔަ ދަހާއަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. ދެކޮޅުހަދަން އުޅުނެއްކަމަކު އޭނާއަށް އެކަމެއް ނުވިއެވެ. ދަމައި ކޫއްތައިފައި ދަހާގެ އަތުގައި ހިފައިގެން އައިސް މަލަކާ ލިފްޓަށް އެރިއެވެ. އޭރުވެސް ރޮވިފައިހުރެ ދަހާ ދިޔައީ އާދޭސްކުރަމުންނެވެ. ލިފްޓުން ފައިބައިގެން އައިސް ގޭގެ މައި ދޮރާށި ހުޅުވައިލަމުން މަގުމައްޗަށް ދަހާ ހޫރައިލިއެވެ. ޕޭމަންޓްމައްޗަށް ވެއްޓުނުގޮތުން ގުޑިވެސްނުލެވިފައި ދަހާ އިނެވެ. ދަހާ ބަލައިލަންވާއިރަށް ގޭގެ ދޮރު މަލަކާ ލައްޕައިލިއެވެ. ނުރޯން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެންމެ ފަހުން އެތުންފަތް ފޫއަޅުވައިލުމަށްފަހު ގިސްގެއަޑު ބޭރުވިއެވެ. ރޮވެމުންދިޔައިރު، އިސްޖެހިފައި ދަހާ އިނީ މަގުމަތިންދިޔަ މީހުންގެ ނަޒަރުތައް އޭނާއަށް އަމާޒުވަމުންދިޔަ ގޮތުން ލަދުގަނެފައެވެ.
އޭގެ އިރުކޮޅެއްފަހުން ގޭގެ ދޮރުހުޅުވައިލަމުން ކުޑަ ދަބަހެއް ދަހާއާ ދިމާއަށް މަލަކާ ހޫރައިލިއެވެ. ”ތިހުރީ ކަލޭގެ އެއްޗެހި، ދެން މިގެއާ ވައިއެޅޭ ހިސާބަށް ވެސް ކަލޭ ނުވާނެ އައިސްގެން. ހަނދާންކުރާތި، މިއަދަށްފަހު އަހަރެންގެ ދަރިއެއް ނުހުންނާނެ“ ދަތްތަކަށް ބާރުކޮށްލަމުން އަޑުހަރުކޮށް މަލަކާ ބުނެލިއެވެ. ކަރުނުން ބަރާވެފައިވި ދަހާގެ ދެލޯ މަލަކާއަށް އަމާޒުވެލިއެވެ. އެއާއެކު މޫނަށް ވައްތަރެއް ޖައްސައިލަމުން އަވަސް އަވަހަށް ގޭތެރަށް އޭނާ ދެމިގަތެވެ. ކުރިމަތީއޮތް ދަބަހަށް ބަލަހައްޓައިގެން ދަހާ އިންދައި އޭނާ ވަށައިގެން މީހުންތައް އެއްވާން ފެށިއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ބަދަލު، ކޮންމެ މީހަކުވެސް ދިޔައީ ދަހާއަށް މަލާމާތް ކުރަމުންނެވެ.
”އޭ ބަލާބަލަ، އެންމެ ފަހުން އެއްކަލަ މަންޖެ މިހުރީ ގެއިން ނެރެ އެއްލާލާފަ. އެހެންނޭ ވާނީ، އުޅެވޭ ވައްތަރު ހިތަކަށް ނާރާވިއްޔަ. މައިންބަފައިންނަށްވެސް ކިހާބޮޑު ލަދެއް“
”ކީއްކުރާނީ، މިޒަމާނު މިއުޅޭ އަންހެން ކުދިން ފިރިހެންކުދިންނަށް އެންމެ ތަންފުކެއްވެސް ދޫނުކުރޭ. އެމީހުނަށްވެސް ނުބެލޭވަރުވީމަ ދެން ޖެހޭނީ ގެއިން ނެރޭކަށްނު. ހަމަ ރަނގަޅަށް އެހެދީ“
”އަސްލުވެސް، ލަދުން ބޯހަލާކުވާވަރުވޭ. މަސްތުވާތަކެތި ބޭނުންކުރަން ފެށިއިރު ހަމަ ކުޑަކޮށްވެސް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަމެއް ވިސްނާނުލާބާއޭ ހިތަށް އަރަނީ. ލަދެއް ހަޔާތެއް ނެތިގެން ބޮޑެތި ފާފަތަކަށް އަރައިގަންނައިރު، މި މީހުންގެ ހިތުގަ ބިރުގެ ކަންފުޅެއްވެސް ނުހުރޭ“
ގޭދޮށު މީހުންގެ ބަސްތަކުން ދަހާގެ ހިތުގައި ޖެހުނެވެ. އޭނާގެ ހާލަތު ރަނގަޅަށް ނުވެސް އެނގިތިބެ މީހުން ގޮތްނިންމަމުންދިޔަލެއް އަވަސްކަން ނިކަން ދެކިބަލާށެވެ. އެނުބައި އަމަލު ހިންގަން އޭނާ ފެށީ އަމިއްލައަށް ނޫންކަން އެމީހުނަށް އެނގޭނެނަމައެވެ. ތަފާތު ޚިޔާލުތައް ސިކުނޑިއަށް ވެރިވަމުންދިޔަ ވަރަކަށް ދަހާގެ ނަފުސަށް ނޭނގޭ ރުޅިވެރިކަމެއް ވެރިވަމުން ދިޔައެވެ. އެމީހުނާ ދިމާއަށް ހަޅޭއްލަވައި ގަންނަމުން ނުބައި އެއްޗެއް އޭނާ ބުނެލިއެވެ. އެއާއެކު އެކަކު އަނެކަކަށް ބަލައިލަމުން އެމީހުން ހިނިގަނޑެއް ޖަހައިލިއެވެ.
ކެފޭ ދޮރުމައްޗަށް ނުކުމެލި ސައިފްގެ ލޮލުގައި ދަހާގެ ގޭދޮށަށް އެއްވެފައި ތިބި މީހުންތައް އަޅައިގަތެވެ. ނިތަށް ރޫތައް ޖަމާވެލުމާއެކު ވެގެން އުޅޭގޮތެއް އޮޅުންފިލުވުމުގެ ޝައުޤު އޭނާގެ ހިތުގައި އަށަގަތެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް އޭނާއަށް ހިނގައިގަނެވުނީ އެހެންވެއެވެ.
މީހުންތައް ދުރުކޮށްލަމުން އެތެރަށް ޖެހިލި ސައިފްއަށް ބިންމަތީގައި އިނދެ މީހުނަށް ހަޅޭއްލަވަމުންދިޔަ ދަހާ ފެނިފައި ލިބުނީ ޝޮކެކެވެ. އޭނާގެ ކުރިމަތީގައި އޮތް ދަބަސް ލޮލުގައި އަޅައިގަތުމުން ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ސައިފް ދެނެގަތެވެ. ފުންނޭވައެއްލަމުން ވަށައިގެންތިބި މީހުނަށް ސައިފް ބަލައިލީ ނުރުހިފައެވެ.
”މިތަނުގަ މާ މަޖާ ކުޅިވަރެއް ކުޅެނީތަ ކޮންމެ މީހަކު މާވަރަކަށް ހެނީ. މިތަނުގަ ތިއިން އެކަކާވެސް ގުޅިން ހުރި ކަމެއް ނުހިނގާ، އެހެންވީމަ އެމީހަކު އައި ތަނަކަށް އަވަހަށް ދޭ. ލީވް ހާރ އެލޯން“ އަޑަށް ބާރުލައިފައި ސައިފް ބުނެލިއެވެ. އޭނާއަށް ބަލައިލަމުން މީހުންތައް މަޑުމަޑުން އެތަނުން ދާން ފެށިއެވެ. ދަހާގެ ފަހަތުގައި ހުއްޓެމުން ސައިފް ފުން ނަޒަރަކުން އޭނާއަށް ބަލައިލިއެވެ. އަދި ގުދުވެލައި ދަހާގެ އަތުގައި ހިފައި އިންތަނުން އޭނާ ނެގިއެވެ.
އަތުގައި މީހަކު ހިފުމުން ސިހިފައި ދަހާ ބަލައިލިއެވެ. އޭނާއަށް އަމާޒުވެފައިވި ސައިފްގެ ދެލޯ ފެނިފައި ދަހާއަށް އިސްޖަހައިލެވުނީ ނަފުސަށް ވެރިވި ލަދުވެތި އިހުސާސުތަކުންނެވެ.
”ހިނގާ އަހަންނާއެކު“ އަނެއް އަތުން ދަބަސް ނަގަމުން ސައިފް ބުނެލިއެވެ. އެއާއެކު މަޑުމަޑުން ދަހާ ދެފަރާތަކަށް ބޯހޫރައިލިއެވެ.
”އެކޮއި، ތި މަންޖެއާ ވައި އެޅެންވެސް ހެޔޮނުވާނެ. އެކޮއެގެ ދިރިއުޅުންވެސް ހަލާކުކޮށްލާނެ. ތީ ނިކަން ނުލަފާކޮށް އުޅޭ މަންޖެއެއް“ އެތަނުން ގެއެއްގެ ދޮރުމަތީ ހުރި އަންހެނަކު ބުނެލިއެވެ.
”އޭތް. ކިތައްފަހަރު ބުނެފިން ކަލެއަށް ނޭނގޭ ވާހަކަ ނުދައްކާށޭ“
”ދަހާ..“ އެމީހާއާ ދިމާއަށް ހަޅޭއްލަވައިގަތް ދަހާ މައިތިރިވީ ސައިފްގެ އަޑުންނެވެ. މީހަކަށް ބަލައިވެސްނުލައި ދަހާގެ އަތުގައި ހިފައިގެންހުރެ ކުރިއަށް ސައިފް ހިނގައިގަތެވެ. އެއާއެކު އޭނާއާ އެކީ ނުދާން ދަހާ ގަދަހަދައިލިއެވެ. ހުއްޓެމުން ދަހާގެ މޫނަށް ބަލައިލާން ސައިފްއަށް މަޖުބޫރުވިއެވެ.
”އަހަރެން ގެންގޮސްފިނަމަ ސައިފްގެ ނަން ވެސް ހަޑިވެދާނެ. މީހުން ފާޑުފާޑު ވާހަކަދައްކާނެ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން ސައިފްއަށް ދެރައެއްލިބޭކަށް.“ ހިންދިރުވައިލަމުން ދަހާ ބުނެލީ ނުހަނު މަޑުންނެވެ.
”އަހަންނަކީ އެއްވެސް އިރަކު މީހުން ދައްކާހާ ވާހަކައަކަށް އަޅާލާ މީހެއް ނޫން. މީ އަހަރެންގެ ދިރިއުޅުން. އެހެންވީމަ ކަންތައްކުރާނެ ގޮތްވެސް އެނގޭނީ އަހަންނަށް. މީހުނަކަށް ނޫން“ ނުރުހިފައި ސައިފް ބުނެލިއެވެ. އަދި ދަހާގެ އަތަށް ބާރުކޮށްލަމުން އަނެއްކާވެސް ހިނގައިގަންނަން އޭނާ އުޅުނެވެ.
”ސައިފް.. އަހަރެންމީ ޑްރަގްސް ބޭނުންކުރާ މީހެކޭ“ ސައިފްގެ އަތަށް ދަމައިލަމުން ދަހާ ބުނެލީ ދަތްކުނޑިވިކައިލައިފައެވެ. އެއާއެކު ސީދާ ދަހާގެ ދެލޮލާ ސައިފް ނަޒަރު ސީދާ ކޮށްލިއެވެ.
”އައި ޑޯންޓް ކެއާރ“ ކޮންމެ ބަހެއް ވަކިވަކިން އަޑަށް ބާރުލައިފައި ސައިފް ބުނެލިއެވެ. އެއާއެކު ދަހާއަށް ލިބުނީ ހައިރާންކަމެވެ. ގަބޫލުކުރަން ދަތިވެފައި އޭނާ ހުރީ އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ. މިފަހަރު ސައިފް ހިނގައިގަތުމުން އެއްވެސް ދެކޮޅު ހެދުމެއްނެތި ދަހާ ވެސް ހިނގައިގަތެވެ. އޭނާގެ އަތުގައި ހިފައިގެންހުރެ ހިނގަމުންދިޔަ ސައިފްއަށް ބަލައިލުމާއެކު ދަހާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.
-ނުނިމޭ-