ރަޝިއާގެ އެސްޔޫ-30 ފައިޓާ ޖެޓްގެ ފުރަތަމަ ޝިޕްމަންޓް މިޔަންމާއަށް ލިބިފައިވާ ކަމަށް މިޔަންމާގެ ޓްރޭޑް މިނިސްޓަރު ޗާލީ ތަން އާދީއްތަ ދުވަހު ޝާއިއުކުރި ބަޔާނެއްގައި ރަޝިއާގެ އާރްއައިއޭގެ ސްޓޭޓް ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.
”މިހާރު ވެސް ދެ މަތިންދާ ބޯޓެއް ޑެލިވަރީ ކުރެވިއްޖެ،“ މި ސަރަހައްދުގައި އިގްތިސާދީ އެއްބާރުލުން އިތުރުކޮށް ބޭރުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ރަޝިއާގެ އަހަރީ ފޯރަމް ކަމަށްވާ އީސްޓާން އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ތާން އާރްއައިއޭ އަށް ވިދާޅުވި އެވެ.
އެސްޔޫ-30އެސްއެމްއީގެ ހަ ފައިޓާ ޖެޓް ޑެލިވަރީ ކުރުމުގެ އެއްބަސްވުމުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިއާ އާއި މިޔަންމާ އާ ދެމެދު ސޮއިކޮށްފައިވާ ކަމަށް އާރްއައިއޭ އިން ބުންޏެވެ.
ރަޝިޔާގެ ސަރުކާރު ކޮންޓްރޯލް ކުރާ ހަތިޔާރު އެކްސްޕޯޓްކުރާ ރޮސޮބޮރޮންއެކްސްޕޯޓް އިން ބުނި ގޮތުގައި ސުކޮއި އެސްޔޫ-30އެސްއެމްއީ މަލްޓި ރޯލް ފައިޓާ ޖެޓަކީ ދުޝްމަނުންގެ އޭރިއަލް ޓާގެޓްސް އެންގޭޖްމަންޓާއި، އޭރިއަލް ރިކޮނިސެންސް އާއި، ކޮމްބެޓް އެމްޕްލޯއިމަންޓް އަދި ޕައިލެޓް ޓްރެއިނިންއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޖެޓެކެވެ.
ތާން ރަޝިއާގެ ޓާސް ސްޓޭޓް ނިއުސް އެޖެންސީއަށް ވިދާޅުވީ އީސްޓް އިކޮނޮމިކް ފޯރަމްގައި ބައިލެޓަރަލް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ރަޝިއާގެ ދިފާއީ ވުޒާރާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މިޔަންމާގެ އަސްކަރީ ވެރިންނަށް ރަޝިޔާއިން ތާއީދުކުރުމަކީ ބަލައިގަނެވޭނެ އަދި ހަމަނުޖެހުން އުފެދޭ ކަމެއް ކަމަށް އެމެރިކާއިން އިންޒާރު ދީފައިވާއިރު، އެގައުމުން ހަތިޔާރު ފޯރުކޮށްދިނުމުން މިޔަންމާއަށް ބޮޑު ކާރިސާއަކަށް ވެފައިވާ ހަމަނުޖެހުންތަކަށް ހިތްވަރު ލިބެއެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓަރު އަދި އިސް ޑިޕްލޮމެޓް މިޔަންމާއަށް ޒިޔާރަތް ކުރައްވާފައިވާއިރު، ޖުންޓާގެ ވެރިޔާ މިން އަންގް ހަލައިންގް ވަނީ 2021 ވަނަ އަހަރުން ފެށިގެން އެތައް ފަހަރެއްގެ މަތިން ރަޝިއާއަށް ވަޑައިގެން އޮނަރަރީ ޑޮކްޓްރޭޓް ހާސިލްކުރައްވާފައެވެ.