އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ވޯޓުލާ މީހުންގެ %60 އާއެކު ކަމަށް އެ ޕާޓީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒު ހޯއްދެވި ކާމިޔާބަށްފަހު ދެވަނަ ބުރުގެ ކެމްޕޭން ފެށުމުގެ ގޮތުން މިރޭ މާލޭގައި ބޭއްވި ޚާއްސަ ރެލީގައެވެ.
މުޢިއްޒަށް ލިބިވަޑައިގަތީ %46.06 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %39 ވޯޓެވެ.
މުޢިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި އަދުރޭ ވަނީ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް %40 އަށްވުރެ މަތި ނުހޯއްދެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
“ޝުކުރިއްޔާ ދިވެހިން“ މި ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ރެލީގައި އަދުރޭ ވަނީ އާ ހިސާބެއް ޖައްސަވައިފައެވެ.
“މިފަހަރު ހިސާބު ދިމާވެއްޖެ ދެއްތޯ. އަޅުގަނޑު މި ދަންނަވަނީ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މި އިންތިޚާބު ކާމިޔާބު ކުރާނީ %60 ހޯދައިގެން.“
“އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީއަށް ލާހިކެއް ނޫން އިރާދަކުރެއްވިއްޔާ ﷲ ގެ ރަހްމަތްފުޅާއެކީގަ އަޅުގަނޑުމެންނަކާ އަރާ ހަމަކުރާކަށް. “
މި ހިސާބު ވާނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ ހިސާބަކަށް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އެހެން ވިދާޅުވީ %56 އާއެކު ރައީސް ޞާލިޙް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރަތް ކުރައްވައެވެ.
އިންޝާ ﷲ