ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އެދިވަޑައިގެންފިއެވެ.
މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން މި މެސެޖު ދެއްވީ އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މެދުވެރިކޮށެވެ.
ޔާމީނާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ ޑރ.މުޢިއްޒުއަށް އޮތް ތާއީދު އިތުރުކޮށް ހިތްވަރާއެކު ދެވަނަ ބުރު ކާމިޔާބު ކޮށްދިނުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
“ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް! ޑރ. މުޢިއްޒުއަށް ތިބޭފުޅުންގެ އިތުރު ތާއީދު ދެއްވައި ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ. މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް.“
އިއްޔެ ބޭއްވި އިންތިޚާބުގައި މުޢިއްޒު ވަނީ ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ.