ވަޒީފާއާއި ރުފިޔާއިން ދިވެހިން މައިތިރިކޮށްލެވޭނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށް ވިދާޅުވެ އެމްޑީޕީ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) އެ ޕާޓީގައި ކަންކަން ހިނގަމުންދާ ގޮތާމެދު ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް 85,809 (%39.09) ވޯޓު ލިބިވަޑައިގަތުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އިބްރާ ވިދާޅުވީ އެމްޑީޕީން ލިޔެފައި އޮންނަ ސިޔާސަތުތަކާއި ހިންގާ ސިޔާސަތުތަކުގެ ތަފާތު ނުހަނު ބޮޑު ކަމަށެވެ.
ވަޒީފާ އާ ރުފިޔާއިން ދިވެހިން މައިތިރިކޮށްލެވޭނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށް ކުރިން އެތައް ފަހަރަކު ވިދާޅުވެފައިވާނެ ކަމަށާއި ނަމަވެސް އެ ވާހަކަ އަޑުނޭހުމުގެ ސަބަބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުުނު ކަން އިބްރާ ފާހަގަކުރެއްވިއެވެ.
“ވަޒީފާ އާ ރުފިޔާއިން ދިވެހިން މައިތިރި ކޮށްލެވޭނެ ކަމަށް ހީކުރުމަކީ ގޯހެކެވެ. އެތައް ފަހަރަކު ބުނީމެވެ. އަޑުނޭހީއެވެ.“
ސަރުކާރަށް އިތުބާރު އިތުރުކުރެވޭނީ ބަސްބުނެގެނެއް ނޫން ކަމަށާއި ކަންކޮށްގެން ކަމަށް އިބްރާ ވިދާޅުވިއެވެ.
އަދި ކުރިއަށް 2 ހަފްތާގައި އެޑިޔުކޭޝަން, ހަޔަރ އެޑިޔުކޭޝަން, ހޯމް މިނިސްޓްރީ, ހައުސިންގ, ޔޫތު މިނިސްޓްރީ, ޗީފް އޮފް ސްޓާފް ފަދަ މަގާމުތައް ބަދަލުނުކޮށް މިކަމެއް ނުވާނެ ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.