މިއީ 2008 އަދި 2013 އެއްވެސް ނޫން ކަމަށާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަދި މާ ފަސޭހަކޮށް ކާމިޔާބު ކުރައްވާނެ ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި 08 ކެންޑިޑޭޓުން ވާދަކުރެއްވިއިރު, އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ މަތިން ވޯޓު ހޯއްދެވިފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.
އެންމެ ގިނަ ވޯޓު ހޯއްދެވި މުޢިއްޒަށް ލިބިވަޑައިގަތީ 101,100 (%46.06) ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 85,809 (%39.09) ވޯޓެވެ.
ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވީ 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ރައީސް މައުމޫން %45 ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވި ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. އަދި 2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު %47 ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވީ ރައީސް ޔާމީން ކަމަށެވެ.
ތާރީޚުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު ރައީސް ޞާލިޙަށް ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
މިކަމާ ގުޅިގެން ޒައިދު ވިދާޅުވީ މިއީ 2008 އަދި 2013 އެއްވެސް ނޫން ކަމަށެވެ. އަދި ޑރ.މުޢިއްޒު ދެވަނަ ބުރު އަދި މާ ފަސޭހަކޮށް ކާމިޔާބު ކުރައްވަވާނެ ކަމަށް ޒައިދު ވިދާޅުވިއެވެ.
ކާމިޔާބީގައި ހިތްތިރިކުރުމާއި ބޮޑާ ނުވުމާއި ޝުކުރުވެރިވުމުން ނަމޫނާ ދެއްކުމަށް ޒައިދު ވަނީ ގޮވާލައްވައިފައެވެ.
އަދި މުޢިއްޒަށް ވޯޓު ދެއްވި މީހުންނަށް ޒައިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.