ނިމިދިޔަ ރިޔާސީ އިންތިޚާބުތަކުގައި ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ބުރު ކާމިޔާބު ކުރެެއްވޭނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބުނަމުން އައީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ބޭއްވި އިންތިޚާބުގައި %39 އާއެކު ރައީސް ޞާލިޙް އޮތީ ދެވަނައިގައެވެ.
“މި ނަތީޖާއަކީ ސިޔާސީ ހަޔާތުގައި އަޅުގަނޑަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ފަހަރު“ މަހްލޫފް ވިދާޅުވިއެވެ.
މި ހަގީގަތް ގަބޫލުކޮށް އަދި ހަޖަމުކޮށްގެން ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުގައި ރައީސް ޞާލިޙަށް މި އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް އެގޮތަށް ވިދާޅުވަނީ ކުރިން ބޭއްވި އިންތިޚާބުތަކުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ނަތީޖާތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.
“2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ރައީސް މައުމޫން %45 ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވި ރައީސް ނަޝީދު. 2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު %47 ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވީ ރައީސް ޔާމީން.“
ތާރީޚުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު ދެވަނަ ބުރު ކާމިޔާބު ކުރެވޭނެކަން ފާހަގަކުރައްވައި މަހްލޫފް ވަނީ ގަދައަޅައި މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.