ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ އޭނާއަށް ޖެއްސެވުނު ހިސާބު ގޯސްކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާއެއްގައި ފައްޔާޟް ވަނީ ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރައްވާނީ %56 އަށްވުރެ މަތިން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޞާލިޙަށް ލިބިވަޑައިގަތީ %39 އެވެ.
ފައްޔާޟަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އޭނާ މިއަދު ވިދާޅުވީ “ޖެހުނު ހިސާބު ގޯސް“ ކަމަށާއި ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން.“
އޭނާ ވިދާޅުވީ މި ރާއްޖެ އަނިޔާވެރިކަމާ ދިމާއަށް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.