އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ކިތަންމެ އުއްމީދެއްކުރި ނަމަވެސް އެކަން އެގޮތަށް ތަގުދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށާއި ނަމަވެސް މާޔޫސް ނުވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކު އެކުލަވައިލި ކޯލިޝަނާއެކު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 85,809 (%39.09) ވޯޓެވެ.
ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. މުޢިއްޒަށް ލިބިވަޑައިގަތީ 101,100 (%46.06) ވޯޓެވެ.
އިޔާޟް މިއަދު ވިދާޅުވީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ކިތަންމެ އުއްމީދެއް ކުރި ނަމަވެސް އެކަން އެގޮތަށް ތަގުދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށެވެ. ހިތްއެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ހާލެއްގައި މާޔޫސްވާންޖެހޭ ކަމެއްނޫން ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އާ ހިތްވަރަކާއެކު މަސައްކަތް އިތުރަށް ކުރަންވީ ކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ.
އަދި ދެވަނަ ބުރުން ރައީސް ޞާލިޙަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރުމަށާއި އެކަން ކާމިޔާބުވާނެ ކަމަށް އިޔާޟް ވިދާޅުވިއެވެ.