އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާއަށް ތާއިދުކޮށް ވޯޓު ދިން ހުރިހާ މީހުންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ފާރިސް ވިދާޅުވީ ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަށް އޮތްތަނުގައިވެސް މި އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި “އަޅުގަނޑު ދެމިހުންނާނެ“ ކަމަށެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 3004 (%1.37) ވޯޓެވެ.
ފާރސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ މިއީ ހަމައެކަނި ފެށުމެއް ކަމަށާއި ކުރިއަށް އޮތީ ފުރިހަމަ ކާމިޔާބީ ކަމަށެވެ.