މި ސަރުކާރަށްވުރެ ހަރުކަށި ފިކުރަށް ޖާގަދޭނެ އެހެން ސަރުކާރެއް އަތުވެދާނެމަށް ދެކެން ދަތިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ރޫހީ ލީޑަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައެވެ.
”ހަރުކަށި ފިކުރަށް ޖާގަދީ އަދި އެ ގޮތްތައް މިދިޔަ ފަސް އަހަރަށްވުރެ ވަކި ބޮޑަށް ތަންފީޒުކުރާނެ ސަރުކާރެއް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި.“
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެންމެ ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއް އައިސްފިނަމަ މި ގައުމު އަފްޣާނިސްތާނަށް ވެގެންދާނެ ކަމަށާއި ހަރުކަށި ފިކުރު ފަތުރާނެކަމަށް ސަރުކާރަށް ތާއީދުކުރަމުންދާ ފަރާތްތަކުން ބުނަންމުންދާ ދަނޑިވަޅެއްގައެވެ.