”މިރިނުވެ ގޮބޮޅި ކާށި ނުވުމަށް“ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފަށް ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޔާސިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހީންގެ ދިރިއުޅުން އުޖާލާކުރުވި އެމްޑީޕީއަށް ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބުނުވެ މިދިޔައީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު މާބޮޑަށް ޚިޔާލު ދެކަފިވުމުން ކަމަށެވެ.
”ދެންވެސް އެދެނީ ދެވެރީން އެކުގައި މަސައްކަތް ކޮށްދެއްވާ މިރާއްޖެ ސަލާމަތް ކޮށްދެއްްވުން. ޕީޕީއެމް/ޕީއެންސީއަކީ ރަށްފުށަށް ޗޮއިސް އެއް ނޫން.“ ދަ ޑިމޮކްރެޓްސްގައި ހުންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޔާސިރު ވިދާޅުވިއެވެ.
މި ގޮތުން ރައީސް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވަނީ “މިރިނުވެ ގޮބޮޅި ކާށި ނުވުމަށް“ ވިދާޅުވެ ޔާސިރަށް ފާޑުވިދާޅުވެފައެވެ.
މިރިނުވެ ގޮބޮޅި ކާށިވުމަކީ މިސާލު ބަހެކެވެ. މާނައަކީ ނުވާދުވަހުން ބޮޑުވެގެން އުޅުމެވެ.
ޔާސިރު ޑިމޮކްރެޓްސްގައި ހުންނަވާފައި އަލުން އެމްޑީޕީއަށް ބަދަލުވުމުން މީގެކުރިން ވެސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.