ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވި ނަމަވެސް ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާނޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ބުނެފިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި 08 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމަށް ލިބިވަޑައިގަތީ 1892 (%0.86) ވޯޓެވެ.
އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގައި ނިކުތް ނަތީޖާ އެ ޕާޓީން ގަބޫލުކޮށް ދިވެހި ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށެވެ.
އަދި މި އިންތިޚާބުގައި އެންމެ ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށާއި އޭނާގެ ރަނިންގމޭޓް ޙުސައިން ޢަބްދުއްލަޠީފަށާއި އަދި 2 ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙަށާއި އޭނާގެ ރަނިންގމޭޓް މުޙައްމަދު އަސްލަމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.
މި އިންތިޚާބުގެ ނަތީޖާ ނިކުތްގޮތުން އިންތިޚާބުގެ 2 ވަނަ ބުރެއް އޮންނާނޭތީ 2 ވަނަ ބުރުގައި އެ ޕާޓީން ނިންމާނޭ ގޮތެއް ފަހުން ހާމަކުރާނެ ކަމަށް ވެސް ބުންޏެވެ. އަދި ޕާޓީއަކީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށް އުފައްދާފައިވާ ގައުމީ ފިކުރުގެ ޕާޓީއަކަށް ވުމާއެކު ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާނޭ ކަމަށް ވެސް ބުންޏެވެ.