ރިޔާސީ އިންތިހާބާ ގުޅޭ 51 މައްސަލަ އިއްޔެ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިންތިޚާބާ ގުޅޭ 51 މައްސަލަ އިއްޔެ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ވަނީ ހުށަހަޅާފައި ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބުގެ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 މައްސަލަ ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވެފައި ވެއެވެ.
ހަމަ އެހެންމެ ސިޓީ، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 މައްސަލައާއެކު އިއްޔެ ޖުމުލަ 51 މައްސަލަ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅުނު ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކޮށްފައިވާ ކަމަށާއި ތަހުގީގުކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހަބީބް ވިދާޅުވީ ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ކެމްޕޭން ކުރުމާގުޅޭ ތިން މައްސަލަ އާއި އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި ވޯޓުލުމުގެ ހައްގާގުޅޭ 10 މައްސަލަ ހިމެނޭ ކަމަށެވެ. އަދި ރަޖިސްޓްރޭޝަނާ ގުޅޭ 8 މައްސަލަ އާއި އޮފިޝަލުންނާގުޅޭ 11 މައްސަލަ އާއި ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލަ އާއި ރިޝްވަތު ދިނުމާ ގުޅޭ ދެ މައްސަލަ ހިމެނޭހެން އެހެނިހެން ދެ މައްސަލަ ހިމެނޭ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި އެވެ.