ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި އިންތިޚާބުގެ ކާމިޔާބަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެކިއެކި ނުފޫޒުތަކާއި އެކިއެކި ފިކުރުތަކާ ދެކޮޅަށް ނުކުމެ ގައުމީ ފިކުރު ކުރިއަށްނެރެ ރައްޔިތުން މިއަދު ދެއްކީ ވަރަށް ވަރުގަދަ މިސާލެއް ކަމަށާއި އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
”އަޅުގަނޑުމެން އުންމީދުކުރަނީ ދެވަނަ ރައުންޑުގަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކާމިޔާބެއް ލިބިގެންދާނެ ކަމަށް“
ކޯލިޝަން ހެދުމަށް ނިންމާފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މުޢިއްޒު ވިދާޅުވީ ލީޑާޝިޕްތެރޭގައި އެކަމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން 100000 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެން ކުރީގައި އޮތީ ޑރ.މުޙައްމަދު މުޢިއްޒެވެ. ދެވަނައިގައި އޮތް ރައީސް ރައީސް ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 85000 ވޯޓެވެ.