މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ދެބައިކުޅަ އެއްބައި ވޯޓު ގުނިއިރު ކުރީގައި އުޅުއްވަނީ ޑރ. މުހައްމަދު މުއިއްޒު ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
98،480 ވޯޓު ގުނައި ނިމުނުއިރު 45 އިންސައްތަ އާއިއެކު ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓު މުއިއްޒެވެ. އެއީ 43،466 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިލެއްވީ 39،343 ވޯޓެވެ. އެއީ 40.73 އިންސައްތަ އެވެ.
އެހެން އިންތިހާބުތަކާއި ހިލާފަށް މިފަހަރު ތިންވަނައިގައި އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބެވެ. އިލްޔާސްލައް 6،135 ވޯޓާއިއެކު 6.35 އިންސައްތަ ވަނީ ލިބިލައްވައިފަ އެވެ.
ގާސިމް އިބްރާހީމަށް ލިބުނީ 3.13 އިންސައްތަ ވޯޓެވެ. އުމަރު ނަސީރަށް ލިބިލެއްވީ 2.62 އިންސައްތަ އެވެ. ދެން ތިއްބެވި ހަތަރު ކެނޑިޑޭޓުން އެއްކޮށް 2 އިންސައްތަ ވޯޓުވެސް ނުލިބެ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓު ލީ 75 އިންސައްތައެއްހާ މީހުންނެވެ. މީގެ ކުރިން 85 އިންސައްތައަށްވުރެއް ގިނަ މީހުން ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުމެ އެވެ.
މިފަހަރުގެ ވޯޓަށް ބަލާއިރު މާލެ ސިޓީގެ މެޖޯރިޓީ ޑރ. މުއިއްޒު ނަންގަވާނެކަމަށް ބެލެވެ އެވެ. އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީވެސް މުއިއްޒު ނަންގަވާނެކަމަށް ލަފާކުރެވެ އެވެ.
މީގެ ކުރިން އެމްޑީޕީގެ ފުރިހަމަ އަގުލަބިއްޔަތު އޮތް ބައެއް ތަންތަނުންވެސް ޑރ. މުއިއްޒު ގެންދަވަނީ އަގުލަބިއްޔަތު ނަންގަވަމުންނެވެ. މާލެއާއި އައްޑޫ ސިޓީގެ ނުގުނާ ހުރި ފޮށިތަކުން ޑރ. މުއިއްޒަށް ބޮޑު އަގުލަބިއްޔަތެއް ލިބިއްޖެނަމަ އެއްބުރުން އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު އެބަ އޮތެވެ.
އެހެން ހުރިހާ ނޫސް ތަކަކުން ބުނަނީ ދެވަނަ ބުރައް ދާން ޖެހޭކަމައް ތި ނޫހުން ބުނަމުން ތިދަނީ އެއްބުރުން މި ނިމޭ ކަމައް😅😅😅