ވޯޓު ފޮށިތައް ކައިރީގައި ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ދެއްކުމާއި، ފޮޓޯ ނެގުންފަދަ ކަންކަން އާންމުވެފައިވާތީ އެކަން ހުއްޓައިދިނުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.
ޕީޕީއެމްއިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު ވޯޓު ފޮށިތައް ކައިރީގައި ގަވާއިދާއި ހިލާފަށް ބައެއް ކަންކަން ހިނގަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި ދެއްކުމާއި އެކިކަހަލަ އާލާތްތައް ބޭނުންކޮށްގެން ފޮޓޯއާއި ވީޑިއޯ ނެގުންފަދަ ކަންކަން ބައެއް ފަރާތްތަކުން ކުރަމުން ދާކަމަށް ބަޔާނުގައި ބުންޏެވެ.
މިކަންކަމަކީ އިދިކޮޅު ކޯލިޝަނުން ބަލައިގަންނަ ކަންކަން ނޫންކަން ފާހަގަކޮށް ބަޔާނުގައި ބުނީ މިފަދަ ކަންކަން ހުއްޓުވައި މިފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭން އިލެކްޝަންސް ކޮމިޝަނަށް ގޮވައިލާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުގެ ތެރެއިން ސުލްހަވެރިކަމާއި އަމާންކަމާއިއެކު ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކޮށްދީ އެކަންކަން ކަށަވަރު ކުރަންވެސް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން ގާނޫނާއި ހިލާފަށް އަމަލު ކުރި ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން އިލެކްޝަންގައި ޕީޕީއެމްއިން ވަނީ އެދިފަ އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަނަމަވެސް 2018 ވަނަ އަހަރާ އަޅާ ބަލާއިރު ފޯރިއެއް ނެތެވެ. ވޯޓު ފޮށިތައް ބަންދު ކުރަން މަދު ވަގުތުކޮޅަކަށް ވީއިރު 70 އިންސައްތަ މީހުންވެސް އަދި ވޯޓު ލައިފައެއް ނުވެ އެވެ.