އއ.ރަސްދޫ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އިދިކޮޅު ޕީޕީއެމްގެ އިންތިޚާބީ އޮފިޝަލުން އުސޫލާ ޚިލާފަށް އެތަނުން ބޭރުކުރިކަމަށް ބުނެ, ވޯޓުލުން ހުއްޓުވާފައި އޮންނަތާ ގިނަ އިރުތަކެއް ފަހުން އެ މައްސަލަ ހައްލުކުރުމަށްފަހު އަލުން ވޯޓުލާން ފަށައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 08:00 ގައެވެ.
ނަމަވެސް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިންތިޚާބީ އޮފިޝަލުން އެތަނުން ނެރެން އެންގުމުން ޕީޕީއެމް ސަޕޯޓަރުން ގޮސް އަޑުއުފުލައި ވޯޓުލާ މަރުކަޒަށް ވަންނަން އުޅުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައި މަރުކަޒު ބަންދުކުރީއެވެ.
އެގޮތުން 10:10 ހާއިރުން ފެށިގެން ރަސްދޫގައި އޮތީ ވޯޓުލުން މެދުކެނޑިފައެވެ.
ރަސްދޫ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިންތިޚާބީ އޮފިޝަލުން އެތަނުން ނެރެން އެންގީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މިދިޔަ އަންގާރަ ދުވަހު އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިއުމުންނެވެ.
އީސީގެ ގަވާއިދުގައިވާ ގޮތުން އިންތިޚާބީ އޮފިޝަލުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ވޯޓުލުން މެދުކެނޑިފައި އޮތުމަށްފަހު އަލުން ވޯޓުލާން ފެށީ 13:00 ގައެވެ.