ރާއްޖޭގައި ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ދިރިހުރި މީހަކު މަރުވެފައިވާ ކަމަށް އޮތުމުން ވޯޓު ނުލެވުން މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިއަދު މެންދުރު އިލެކްޝަން ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވި ގޮތުގައި ދިރިހުރި މީހަކު މަރުވެފައިވާކަމުގެ މައްސަލަ ފެންމަތިވެފައިވަނީ ޑީއެންއާރުގެ ރަޖިސްޓްރީގައި އެމީހާ މަރުވެފައިވާ ކަމަށް އޮތުމުން ކަމަށެވެ.
އަދި މި މައްސަލަ މިހާރު ކޮމިޝަނުން އަންނަނީ ބަލަމުން ކަމަށާއި ވީހާވެސް އަވަހަށް މި މައްސަލަ ހައްލު ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ވޯޓު ލުމަށް ރަޖިސްޓްރީ ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި އެއީ ދުނިޔޭގެ ގިނަ ގައުމު ތަކުގައި ވެސް އަމަލު ކުރާ ގޮތް ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ. އަދި ވޯޓު ލެވޭ މީހުންގެ ލިސްޓު އެތައް ފަހަރަކު އާއްމުކޮށްފައިވާއިރު އެ މައްސަލަ އަށް ޝަކުވާ ހުށައަޅާފައި ނުވާ ކަން ވެސް ހަބީބު ވަނީ ފާހަގަކޮށްފައެވެ.